ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރައްޤީއަށްޓަކައި ހިންގަން ފެށި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިދީ، އަދި މުޅިން އަލަށް އެރަށުގައި ކުރިއަށް ގެންދިޔުމަށްޓަކައި އެމަނިކުފާނުގެ ކެމްޕެއިންގައި ވަޢުދުވެފައިވާ މަޝްރޫޢުތައް ފަށައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެރަށުގެ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަރަށްގިނަ މަޢުލޫމާތު ޙިއްޞާ ކުރެއްވިކަން ފާހަގަކުރައްވައި، އެ ހުރިހާ މަޝްރޫޢުތަކަކަށް އިސްކަންދީގެން، އެކަންކަން ވީހާވެސް ރަނގަޅަކަށް އަވަސްކޮށް ތަރުތީބުކޮށް، މި އަހަރުގެ ތެރޭގައި ހަމަ ގިނަ މަސައްކަތްތަކެއް ހިންގައިދޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ހޯރަފުށީ ރައްޔިތުންނަށް ދެއްވާފައެވެ.
މިގޮތުން އެރަށުގެ ހޮސްޕިޓަލް މަޝްރޫޢު ކުރިއަށް ގެންދިޔުން ވަރަށް މުހިންމުކަމަށާއި، އަދި އެރަށުގެ ގިރަމުންދާ ސަރަޙައްދަށް ޙައްލެއް ގެނައުމަށްޓަކައި މިހާރު ހަވާލުކޮށްފައި އޮތް މަޝްރޫޢުގެ ތެރެއިން އެކަމަށް އަވަސް ޙައްލެއް ގެނައުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުގެ ތެރޭގައި ހިމަނާފައެއް ނެތް ނަމަވެސް، އެރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖް ކުރެވޭނެ ފެސިލިޓީ ޤާއިމުކުރުމަކީ ކުރަން ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދެންވެސް ހުރީ މުހިންމު މަޝްރޫޢުތައް ކަމަށާއި، މަސްވެރިކަމާ ގުޅޭ ކަންކަމުގައި، އެރަށު އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު ކުރަމުންދާ ކަންތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
''މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަހުރި. ހަމަ އެއާއެކީގައި، ބިން ހިއްކުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. ބިމުގެ ޖާގަ އިތުރުވެގެން، ގެދޮރުވެރިކަންވެސް އިތުރަށް ފޯރުކޮށްދެވޭނީ. ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި ގެދޮރުވެރިކަން، ހައުސިންގ ޕްރޮވައިޑް ކޮށްދިނުމަށް، ގެދޮރުވެރިކަމާއި ބިން ހިއްކުން ކިޔާފައި، ދެ މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައި އޮތީ. އެ ދެ މިލިއަން ރުފިޔާއިން ނުކުރެވޭނެ އެއްވެސް ކަމެއް.'' ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫޢުއަކީ ހޯރަފުށީގެ ރައްޤީއަށްޓަކައި ގެދޮރުވެރިކަމަށް މުހިންމު މަޝްރޫޢަކަށްވާތީ، މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުކުރެވޭ މިންވަރުން އިސްކަންދީގެން، އެކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ފަށައިދީ އަދި ނިންމައިވެސްދޭނެ ވާހަކަ ދަންނަވަން.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!