ސީޒަންގެ މެދަކާއި ހިސާބުން ވަރަށް ބޮޑަށް ނަތީޖާތައް ދަށްވެ ތާވަލުގެ ގަދަ ދެ ޓީމްގެ ތެރެއިން ބޭރުވެފައި ދުވަސްގަނޑެއްގައި އޮތިމަށްފަހު ނަތީޖާތައް ރަނގަޅުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާއި ބައްދަލުކުރި މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކައި 4-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ 26 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ރެއާލް ނުކުންނާނީ ސެވިއްޔާއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ބާސާގެ މައްޗަށް ހޯދުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ. މިވަގުތު ތިން ވަނާގައި އޮތް ޖިރޯނާ ހޯމަ ދުވަހިގެ ރޭ ނުކުންނާނީ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އަލުން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް އެބައޮތެވެ.
ރޭ މެޗުގެ 20 ވަނަ މިނެޓުގައި ބާސާއަށް ފުރަތަމަ ލަނޑު ޖަހައިދނީ ރަފީނިއާއެވެ. އޭނާ މި ލަނޑު ޖެހީ ކޫންޑޭގެ އެހީތެރިކަމާއި އެކުގައެވެ. ފުރަތަމަ ހާފު ނިމުނީ މި ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބާސާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމްގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި ކްރިސްޓެންސަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖޯ ފެލިކްސް ޖަހައިދިންއިރު، އޭގެ އަށް މިނެޓް ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ ޑި ޖޮންއެވެ. ބާސާގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ފާމިން ލޮޕޭޒްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!