ނ. މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

Ad
rt

މީގެ އިތުރުން ޖެޓީގެ ބާބެންޑިން އަދި ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 183 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިއީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.