ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.
މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ އެ ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި." ކާލް ސްޓުމްކަ ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ލިބޭނެކަމަށް ފެންނަ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެކެވެ. ކަސްޓަމަރުންނަށް ކްރެޑިޓްލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.
މި ފައިނޭންސިންތަކުގެ ރޭޓަކީ 15 އިންސައްތައެވެ. އަދި ފައިނޭންސިން އަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!