އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 2.7 އިންސައްތައިގެ ދަށްވުމެކެވެ. ތިންވަނަ ކުއާތަރުގައި އެ ކުންފުންޏަށް ލިބުނީ 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީވެސް ދަށްވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 183 މިލިއަން ރުފިޔާއެވެ. މިއީ 13 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ ހިސާބުތަކުން މިދިޔަ 2023 ވަނަ އަހަރާއި 2022 ވަނަ އަހަރާ އަޅާކިޔާ އިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރު އާމްދަނީއާ އަޅާ ބަލާއިރު 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެ އަހަރު ލިބުނީ 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އާމްދަނީ ދަށްވި ނަމަވެސް 2022 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ސާފު ފައިދާ ވަނީ 91 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރު 728 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު އިރު 2023 ވަނަ އަހަރު 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!