މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް އެމަނިކުފާނުގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ މުނާސަބާގައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާއި ރާއްޖޭގެ ގުޅުމަކީ އިހްތިރާމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި އެގަމާއި ރައްޔިތުންނަށް ތަނަވަސް، އުޖާލާ ދުވަސްތަކަކަށް އެދިވަޑައިގެންފަވެއެވެ.

މީގެ އިތުރުން ދިވެހި ޚާރިޖީ ވުޒާރާއިންނާއި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ މިއަދުގެ ތަހުނިޔާ އިންޑިއާ އަށް ފޮނުއްވާފައެވެ.