ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައިފައެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަތީ 33 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ކުއްލި މައްސަލައާ ދެކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވިއެވެ.

Ad
rt

ކުއްލި މައްސަލައިގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ދައްކަވާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ތެރޭގައި ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނާނެ ފަދަ އަޑި ނޭނގޭ އެއްބަސްވުންތަކެއް ކުރީ ސަރުކާރުން ވެފައިވާ ކަމަށް ވިދާޅުވުން ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒު ކޮޕް28 އަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެން، ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަ ކުރަން ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

"އިންޑިއާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ބައިނަލްއަގުވާމީ މީޑިއާގައި ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަ އާއި ރާއްޖޭގެ މިލިޓަރީ ވިސާއެއްގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ އާއި އަދި އެކަން ރައްޔިތުންނަށް ހާމަކޮށްދިނުމާއި އިސްތިގުލާލަށް އުނިކަން އައިސް ރާއްޖޭގެ މިނިވަން ކަން ގެއްލިފައިވާ ރައީސް މުއިއްޒު ވިދާޅުވާ އެގްރީމަންޓުތައް ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކޮށް އެގްރީމަންޓުގެ އެފަދަ މާއްދާތައް ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކުރުމާއި ރާއްޖޭގައި ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކުގައި ބޭއްވުނު ސައިޑްލައިން ބައްދަލުވުމުގައި އެއްބަސްވެފައިވާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމުގެ އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކުރުމަށް ގޮވާލައި، މަޖިލިހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން،" ކުއްލި މައްސަލައިގައިވެއެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި ރާއްޖޭގައި 77 އިން ފެށިގެން 89 އާ ހަމައަށް އިންޑިއާ ސިފައިން ތިބި ކަމަށް ދައްކާ ކަމަށެވެ.

"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ.