ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ.

މި ޕްލޭން އާންމުކުރެއްވީ މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ޕްލޭންގައި މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން ހިމަނާފަ ވެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމަށް ބޭނުންވާނެ ''ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް'' އެއް ގާއިމު ކުރުމަށް އޮނިގަނޑެއް އެކުލަވައިލުމާއި، ބޯހިޔާވަހިކަމަށް ދޫކުރުމަށް ތަޢާރަފްކުރާ ލޯނާ ބެހޭ ސިޔާސަތު ވެެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެކުލަވައިލަން ހިމަނާފަވެއެވެ.

މި ޕްލޭންގައި މުވައްޒަފުންނަށް ހާއްސަ ''ސޯޝަލް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާ އަދާކުރާ ދިވެހި ހައުސިން ކެޓަގަރީއެއް ވެރިކަމުގެ ފުރަތަމަ 9 ހަފުތާ ތެރޭގައި ކަނޑައަޅަން ހިމަނާފައިވާއިރު، ބޯހިޔާ ކަމަށް އެދި ފޯމު ހުށަހެޅުމާއެކު، އެ ފޯމުގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކޮށްފައިވާ ''ހައުސިން އެޕްލިކޭޝަން ޕޯޓަލް'' އެއް ފުރަމަ 14 ހަފުތާގެ ތެރޭގައި ތައްޔާރުކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ވެސް ބޯހިޔާވަހިކަމާގުޅޭ ރައްޔިތުންނަށް މުހުތާދުޖެހިފައިވާ ކަންކަމާގުޅޭ ސިޔާސަތުތައް އެކަށަހަޅައި، ތަންފީޒު ކުރުމަށް ބޭނުންވާ ގިނަ ބިލުތަކެއް ވެސް ވެެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެކުލަވާލައި މަޖިލީހަށް ފޮނުވަން ޕްލޭންގައި ހިމަނާފަ ވެއެވެ.