އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭން މިރޭ އިފްތިތާޙްކޮށްފިއެވެ.
މާލޭގެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި "ހަފުތާ 14" ގެ ނަމުގައި ނެރުނު މި ޕްލޭންގައި ''މިނިވަންކަމާއި ސިޔާދަތު''ގެ ބައިގައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފަވެއެވެ.
މިބައިގައި ދެވަނަ ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ، ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް އުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 4 ހަފުތާތެރޭ ފެށުމެވެ.
މިބައިގައި ދެން އޮތީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބަޔެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިއުނާފް ކުރަން ހުށަހެޅުމެވެ. މިކަން ކުރަން ހިމަނާފައި އޮތީ ވެރިކަމުގެ ފުރަތަމަ14 ހަފުތާ ތެރޭގައެވެ.
މި ޕްލޭން އިއުލާންކޮށް ދެއްވަމުން ޑރ. މުޢިއްޒު މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައްޔިތުންގެ ގާތުގައި އެ މަނިކުފާނު ވިދާޅުވި ކޮންމެ ވާހަކަފުޅެއް، ކޮންމެ ލަފްޒެއް، އެ ކަމެއް ހަގީގަތުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
މިރޭ އިއުލާނު ކުރެއްވީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މި 14 ހަފުތާގައި ޕްލޭނަށް ވުރެ އިތުރަށް ކަންކަން ވެސް ހާސިލް ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ހުވާކުރައްވައި އައު ސަރުކާރު ވެރިކަމާ ހަވާލުވާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!