ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.
މީގެ އިތުރުން މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 5,800,000.00 (5.8 މިލިއަން) ރުފިޔާއަށް އަރާ ކަމަށް ވެސް ވިދާޅުވެއެވެ.
ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!