ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ނުލުމަށް ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، އިންތިިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ.

އޭނާ މިފަދައިން އެދިވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޓެގް ކުރައްވައި، ކުރައްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

ހޯމް މިނިސްޓާ މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކެބިނެޓެއްގައި ތިއްބަވާނީ ތަޢުލީމީ، ޤާބިލް ތަޖުރިބާ ލިބިފައިވާ، ހީވާގި ބޭފުޅުން ކަމަށެވެ. އަދި އެކުލަވާ ކެބިނެޓް ވާނީ އެމަނިކުފާނަށް ފުރިހަމަ އިިތުރުބާރު އޮތް ކެބިނެޓަކަށް ކަމަށެވެ.

މީގެ އިތުރުން ކެބިނެޓަށް އައްޔަން ކުރައްވާ ބޭފުޅުން ވާނީ ވަރަށް ނަޒާހަތްތެރި، ހިދުމަތުގައި 24 ގަޑިއިރު ތިބެވޭ ވަރުގެ ބަޔަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު މިހާރު ގެންދަވަނީ އެކި މުވައްސަސާތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ނަޝީދުގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.