އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ތަަރައްގީކޮށްފައިވާ އެ ކުންފުނީގެ ހެޑްކުއާޓަ ހުޅުވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމާއި އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީއެވެ.

Ad
rt

މި އިމާރާތުގައި އުުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ވަނީ ގާއިމުކޮށްފައެވެ. އަދި އުރީދޫއިން ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް މި ހެޑްކުއާޓަރުން އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ އުރީދޫއިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭނެ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ކުންފުނިން ރާއްޖޭގެ ކަސްޓަމަރުންނަށް ނަމޫނާ ޚިދުމަތްތަކެއް ދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފްކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭ. މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޚިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިގްތިސާ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މަރުހަބާކިޔަން. ކުރިއަށްއޮތްތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް." ނައިބު ރައީސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޒީޒް އަލް އުސްމާން ފަޚްރޫ ވިދާޅުވީ ރާއްޖެއަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށާއި އައު ހެޑްކުއާޓަރަކީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށެވެ. އަދި އެއީ ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހެޑް ކުއާޓަރުން ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް ކަމަށެވެ. އަދި އުރީދޫގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލާމާއި އިތުބާރު ފާހަގަކޮށް އޭނާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގެ މެދުގައި ބިނާކުރެވިފައިވާ މި އައު އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ޒަމާނީ އެ އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.

މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިއެވެ. އެ އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ޚަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަ ރޭޓެޑް ދޮރުތަކާއި ފަޔަ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާކަމަށް ވެސް އުރީދޫއިން ފާހަގަކުރެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.