ރ. މަޑުއްވަރީގެ ބައެއް ގެތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ނެރޭ ނޫސް ބަޔާނަކުން ހާމަކުރައްވާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

Ad
rt

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިސްކިތަށް ޖަމާއަތަށް ނާރާ، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ދަރިން ސްކޫލަށް ނުފޮނުވުމާއި ކޯޓުން ބޭރުގައި، "ކައިވެނިކޮށްދިނުން" އަދި ވެކްސިން ނުޖެހުން ފަދަ ކަންކަން އެ ރަށުގައި ވަނީ އާންމު ވެފައެވެ.

ހަރުކަށި ފިކުރާ ކުރިމަތިލައި ހައްލު ހޯދުމަށް ރައީސް ވައުދުވެވަޑައިގެން އިރު، ހަރުކަށި ފިކުރު ފަތުރާ ތިން އިލްމުވެރިއެއްގެ ދަރުސް ދިނުމުގެ ލައިސަންސް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިއްޔެ ހިފަހައްޓައިފަ އެވެ.

ކައުންސިލަރުންނަށް އަމާޒުކޮށް ރައީސް އޮފީހުން ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައި ވަނީ، މީހުން މަރަން ފަސް ނުޖެހޭ ހަރުކަށި ފިކުރުގެ 1،400 މީހަކު ރާއްޖޭގައި އެބަ ތިބި ކަމަށެވެ.