ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕީއެންސީ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މީރުމާ މާލަމުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

Ad
rt

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެކުގައި މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމްކުރުން ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ނޫސްވެރިން ކުރިމަތި ކުރި ސުވާލަށް ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، އެކިއެކި މަގާމުތައް ދޫކުރާނެ ގޮތް ދޫކޮށްލައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަަށެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީގެ މުޅި އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އެކުގައި މަސައްކަތް ކުރެވޭނެ މާހައުލަކަށް އެގްރީމަންޓް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި މުއިއްޒާ އެކު ތިބެ، މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކޯލިޝަން ސަރުކާރެއް އަތުވެއްޖެ ނަމަ އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ނޯންނާނެ ކަމަށާއި މުއިއްޒު ވިދާޅުވާ ކަމެއް ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް އެމްއެންޕީ އިން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މެމްބަރުން މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށާއި ގިނަ މެމްބަރުންގެ ހިޔާލުތަކަށް ބަލާއިރު، ޕީޕީއެމް، ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް ގިނަ މެމްބަރުންނަށް ފެންނަކަމަށް ހިޔާލުފާޅުކުރި ކަމަށް ވެސް ރޭގެ ބައްދަލުވުމަށްފަހު، އެމްއެންޕީ އިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް ފައިނަލް ކުރާނީ އެކްޒެކެޓިވް ކޮމެޓީ މީޓިންގައި ކަަމަށްވެސް އެ ޕާޓީން ރޭ ވަނީ ވިދާޅުވެފައެވެ.