ނ.ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ކޮލެޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ކޮލެޖުގެ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި 2 ވޯކްޝޮޕް ހުންނާނެއެވެ.
މިއީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެފުރުސަތު ފަހިކޮށްދިނުމެވެ.
އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ގާއިމުކޮށް ހިންގުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!