އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްޗީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި، އައިކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.
މަންދޫ ފެނާއި ނަރުދަމާ ނިޒާމަކީ އެ ރަށު ކައުންސިލާއި 17 އޮގަސްޓް 2016 ގައި އައިކެއާ ޕްރައިވެޓް ލިމިޓެޑާއި އެކު ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ހިދުމަތެކެވެ.
އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އައިކެއާ އިން ނިންމާ، މަންދޫ ކައުންސިލާ ވަނީ މިހާރު ހަވާލުކޮށްފައެވެ. އަދި މަންދޫ ކައުންސިލުން ވަނީ މި ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައެވެ.
މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް. އަދި މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.
މި އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށްފަހު މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށެވެ. އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ، އެ ހިދުމަތްދޭން ފެށުނީ، ސްޓެލްކޯގެ އެމްޑީ ޝަރީފުގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިރަށަށް. ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި، ކަރަންޓާއި ހަވާލުވެ، މި ރަށަށްވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއްކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މިވަނީ ބަދަލުކޮށްދެއްވާފައި. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވައިފި. މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާ ތަކަކީވެސް" އިބްރާހިމް ހުސައިން ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށެވެ. އެގޮތުން ހަމަ އެކަނި ސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވެގެން އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާރއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން." ޝަރީފު ވިދާޅުވިއެވެ.
ސްޓެލްކޯއާ ހަމައަށް މި ޕްރޮޖެކްޓު އައި އިރު ރިކުއަމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއެކު ހަވާލުވުން ލަސްވިކަމަށާއި، އެހެން ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް ބުންޏެވެ.
ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއަމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެހެން އެކަން އޮތް ނަމަވެސް، މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން" ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!