ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސް އުފައްދަވާ ވިދާޅުވިގޮތަށް ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޑިމޮކްރެޓްސް އުފެދުނުތާ މަދު ދުވަސްތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ވާދަކުރި މަގުސަދާއި ހާސިލް ކުރަން ބޭނުންވި ކަންތައް ވެސް ހާސިލު ކުރެވިފައިވާ ކަމަށެވެ.
އީވާ ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ތަކުރާރުކޮށް ކުރަމުންދިޔަ ޖެއްސުމާއި، ވަޒީފާތަކުން ވަކި ކުރުމާއި، ދެމުންދިޔަ ހިތްދަތިކަމަކީ ހިތުން ފިލައިގެން ދާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ނަޝީދަށް ތާއީދު ކުރައްވާ އެތައް މެމްބަރުންނެއް ބާކީކޮށްފައިވަކަން ފާހަގަކުރައްވާ ވިދާޅުވި ނިކަމެތިކޮށް އެކަހެރި ކޮށްގެން ލިބުނު ނަތީޖާ މިއަދު ހިތިވާނެ ކަމަށެވެ.
މީގެ އިތުރުން ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް މުހިންމު ނިންމުމަކަށް ވެގެންދާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑިމޮކްރެޓްސް އަށް ތާއީދުކޮށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް އީވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވަނީ 15839 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ 7.18 އިންސައްތައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!