ކުރީގެ އަދަދާއިގުޅޭ،

" ނޫން! ބުނޭ! އަހަންނަށް ކިހިނެއްވީ؟ ކޮންކަމެއް މަށަށް ސިއްރުކުރަނީ؟"

Ad
rt

ޔަޝްމީ ހާރޫންގެ މޭގައި އަތްޖަހާ، ދުރަށް ޖައްސާލަމުން ތަންކޮޅެއް ބާރަށް އެހިއެވެ. އެއާއިއެކު ހާރޫން މަޑުމަޑުން އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފައި އެދެލޮލަށް ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ. ހާރޫން ޔަޝްމީގެ ދެކޮނޑަށް ބާރުބާރަށް ފިތާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ޔަޝްމީއަކަށް އެއްވެސް ކަމެއް ނުވެޔޭ! ޤަބޫލުކޮށްބަލަ! ލޭގެ ކޮންމެވެސް ޓެސްޓެއް ހަދަންދީފައިވީ! އޭގެ ނަތީޖާގެ ވާހަކަ މިދެއްކީ! ނަތީޖާ ލިބޭ ގޮތަކުން ފަހަރެއްގައި ލޭ އަޅަންވެސް ޖެހިދާނެ.. އެހެންވެ އަހަރެން ޖެހިލުންވަނީ"

ހާރޫން މަސައްކަތްކުރީ ޔަޝްމީއަށް ޙަޤީޤަތް ސިއްރު ކުރެވޭތޯއެވެ. އޭރުވެސް ޔަޝްމީ ހުރީ ސީދާ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ! "

ޔަޝްމީ އެހެން ބުނުމާއެކު ހާރޫން ޔަޝްމީގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ. އަދި އޭނާގެ ބޮލުގެ މެދަށް ބޮސްދިނުމަށްފަހު ދެލޯ މަރާލިއެވެ.

***

އޮފީހުގައި އިނދެގެންވެސް ޖާވިދަށް ވިސްނެނީ ޔަޝްމީއާ މެދުގައެވެ. ހާރޫން ދެއްކި ވާހަކަތަކުން އޭނާއަށްވެސް ވަރަށް ބޮޑު އަސަރުތަކެއް ކުރުވަމުން ދިޔައެވެ. މުޅި މީހާ ހިމޭންވެ، މަޑުމައިތިރި ވެވިއްޖެއެވެ. އިންތިހާއަށް ލޯބިވާ ކޮއްކޮ އެފަދަ ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެދާނެތީ އޭނާ ބިރުގަނެ ދެރަވަނީއެވެ. އެކަމާ ވިސްނާ، ފިކުރު ކުރެވެނީއެވެ. ޖާވިދަށް އައިސްފައިވާ ބޮޑު ބަދަލުތައް އެންމެ ފުރަތަމަވެސް ދެނެގަތީ ޒޫނާއެވެ. އެކަމާ ޒޫނާ އިންތިހާއަށް ކަންބޮޑުވީ، އެއީ އޭނާގެ ސަބަބުން އައިސްގެން އުޅޭ ބަދަލުތަކެއް ކަމަށް ހީކޮށެވެ. އެހެންކަމުން ޒޫނާ އެކަމަށް މަޢާފަށް އެދޭ ހިތްވާން ފެށިއެވެ.

" އުނދަގޫ ކުރެވުނީތީ މަޢާފްކުރޭ! ފްރެންޑްޝިޕް ބޭނުން ނުވިޔަސް، އޮފީސް މާޙައުލުގައި އުޅޭއިރު އަހަރެން ދެކެ ރުޅި އައިސްގެން ނޫޅެއްޗޭ! ޕްލީޒް"

ހިތަށް ކުޅަދާނަ ނުވެގެން ޒޫނާ ޖާވިދަށް މެސެޖް ފޮނުވާލީ ކޮމްޕިޔުޓަރ ކައިރީ އިނދެެގެންނެވެ. އޭރު ޖާވިދްވެސް އިނީ އޭނާގެ ކޮޓަރީގައެވެ. ޒޫނާ އިންތިޒާރު ކުރަމުން ދިޔައީ ޖާވިދްގެ މެސެޖަކަށެވެ. މަސައްކަތުގައި އުޅެމުންވެސް އިރުއިރުކޮޅުން އޭނާއަށް ފޯނު ބަލައިލެވެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެކަމާ ޒޫނާ އިންތިހާއަށް މާޔޫސްވެފައި އިންދާ ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ބާރުބާރަށް ޖާވިދް ނިކުމެގެން ބޭރަށް ދާ ތަނެވެ. ޒޫނާއަށް ހައިރާންކަން ލިބުނީ އޮފީސްގަޑި ނުނިމެނީސް ޖާވިދް ލެޕްޓޮޕް ދަބަސް އަޅުވައިގެން ނިކުމެގެން ދިޔުމުންނެވެ. އަނެއްކާވެސް ޒޫނާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދޭކަށް މާ ގިނަ ވަގުތު ތަކެއް ނުނެގިއެވެ. އެއާއިއެކު ވަރަށް ބޮޑަށް އޭނާ ބޮލުގައިވެސް ރިއްސައިގަތެވެ.

***

ތެޅިތެޅި އޮތް ހިތަކައިގެން ހާރޫން ގޮސް ޑޮކްޓަރ ރޫމަށްވަނެވެ. އޭރު މުޅި މީހާ ވަރަށް ބޮޑަށް ފިނިވެފައިވާކަން ޚުދު އޭނާއަށްވެސް އިޙްސާސް ކުރެވެއެވެ. ޑޮކްޓަރގެ ކުރިމަތީގައި އިށީން އިރުގައިވެސް އޭނާއަށް ހީވަނީ ދުލުގައި ތަޅުއެޅުވިފައި ވާހެންނެވެ. އަހާލާނެ އެއްޗެއް، ދައްކާނެ ވާހަކައެއްވެސް ހިތަކަށް ނައެވެ. އޭރުވެސް ކުރިމަތީގައި އިން ޑޮކްޓަރ ރިޕޯޓްތަކަށް ބަލަމުން ގެންދެއެވެ. ޑޮކްޓަރގެ މޫނުމަތީގެ ކުލަވަރުންވެސް ހާރޫންއަކަށް އެއްވެސް އެއްޗެއް ވިސްނައިގަނެވޭ ގޮތެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގެ ޙާލު ދެރަހެން ހީވެއެވެ.

" ޔަޝްމީ.. ޔޫޓެރަސް ކެންސަރއަށް ޕޮޒިޓިވް! ދެވަނަ ސްޓޭޖްގައި ހުރީ! އެކަމަކު މި ސްޓޭޖްގައި ކެންސަރ ވަރަށް ބާރަށް ފެތުރިގެންދޭ! ފެލޯޕިއަންޓިޔުބްސްއާ އޯވަރީސްއަށްވެސް މީގެ އަސަރު ކޮށްފައި ހުރީ! އެހެންވީމަ އިމަރޖެންސީކޮށް މި ހުރިހާ ބައިތަކެއް ނަގަން ޖެހޭނީ. އޭރުން ޕޭޝަންޓްގެ ފުރާނައަށް ނުރައްކާނުވެ، އަވަހަށް ސަލާމަތް ކުރެވޭނެ"

ވާހަކަ ދައްކާ ނިންމާލަމުން ޑޮކްޓަރ ފުންނޭވާއެއް ދޫކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގި އިނދެ ހާރޫންއަށް އިސްޖަހާލެވުނީ ރޮވެން ފެށުމުންނެވެ. ޑޮކްޓަރ ހިތްވަރުދޭން ފެށުމުންވެސް ހާރޫންއަށް ހައްތަހާ ބޮޑަށް ރޮވެނީއެވެ. ހިތުގައި ދުންގަނޑެއް ފަދައިން އުފެދެމުންދާ އުދާސްތައް ބޭރުކޮށްލުމަށްފަހު ހާރޫން އިސް އުފުލައި ޑޮކްޓަރަށް ބަލައިލިއިރު އޭނާގެ ދެލޯވަނީ ރަތްވެ، ދުޅަވެފައެވެ. ނަމަވެސް ހިތްވަރާއެކު އެކަމަށް ކުރިމަތިލާނެ ކަމަށް އޭނާ ޑޮކްޓަރ ގާތު ބުންޏެވެ.

" ޕޭޝަންޓް އެޑްމިޓް ކުރަން ގެނޭ! މިއަދު އިތުރު ޓެސްޓްތައް ހަދާފައި މާދަމާ ސާޖަރީ ކުރެވޭނެ.. އޭގެ ފަހުން އިތުރަށް ކެންސަރގެ އެއްވެސް އަސަރެއް އިތުރު ތަނެއްގައި ހުރިތޯ ބަލަން ހަމަސް ފަހުން އަދި އަންނަން ޖެހޭނެ! "

ހާރޫން ބޯޖަހާލަމުން ތެދުވިއެވެ. އަދި އަވަސް ފިޔަވަޅުތަކާއެކު އޭނާ ނިކުތީ ގެއަށް ދާށެވެ. މަގުމަތިން އޮޓޯއެއް ނަގައިގެން އޭނާ ގެއާދިމާލަށް މިސްރާބު ޖެހި އިރުގައިވެސް ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އަތުގައި އޮތް ފައިލަށް ބަލައިލެވޭ ކޮންމެ ފަހަރަކު ޔަޝްމީއާ ކުރިމަތިލާނެ ގޮތެއް ހިތަށް ވަޒަންވެސް ނުކުރެވެއެވެ. އެވާހަކަ ދައްކާނެ ގޮތެއް، ފަށާނެ ގޮތެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. ގޭ ކުރިމައްޗަށް އޮޓޯ މަޑުކޮށްލުމާއެކު ފައިސާ ދައްކާފައި އޭނާ ހިނގައިގަތެވެ. އޭރުވެސް ހަށިގަނޑުގައި ވަރެއް ނެތެވެ. ނޭވާ ލާނެ ހިތްވަރެއްވެސް ނެތެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ހާރޫން ކޮޓަރިއަށް ވަތްއިރު ޔަޝްމީ އޮތީ ސޯފާގައެވެ. ދެފައި ކުރުކޮށްގެން އޭނާ އޮތްތަންފެނި، ހާރޫން ބާރުބާރަށް ގޮސް ސޯފާކައިރީ، ތިރީގައި ކުޑަކަކޫ ޖަހައި އިށީނީ އަތުން ފައިލް ދޫކޮށްލަމުންނެވެ.

" ފުރުޓްކޮޅެއް ގަންނަން ދަނީއޭ ކިޔާފަ ގޮސް ހާދަ އިރެއްވީ! އަހަރެން ހާދަ ގުޅައިފީމޭ! "

ޔަޝްމީ ވާހަކަ ދެއްކީ ވަރަށް އުނދަގުލުންނެވެ. އެހެންކަމުން ހާރޫން އަވަސް އަވަހަށް ޔަޝްމީގެ ބޯ ދަށަށް އަތް ލައްވާލުމަށްފަހު އޭނާގެ ބޯ ހިއްލައިލާ މޭގައި ޖައްސާލިއެވެ.

" އަނެއްކާވެސް ދަށްބަނޑުގައި ރިއްސަނީ! ވަރަށް ތޫނު ތަނެއް ހުންނަނީ"

ޔަޝްމީ އެހެން ބުނުމާއެކު ހާރޫންގެ އަޑު ފަޅައިގެން ދިޔައެވެ. ހާރޫން އެހާ ބާރަށް ރޯން ފެށުމުން ތެޅިގަނެފައި ޔަޝްމީ ދުރަށް ޖެހިލުމަށްފަހު ތެދުވިއެވެ.

" ކިހިނެއްވީ؟ ބުނެބަަލަ ކިހިނެއްތަވީ؟"

ހާރޫންގެ މޫނުގައި ހިފަހައްޓާލަމުން ޔަޝްމީ ކަންބޮޑުވެފައި ސުވާލު ކުރުމުން ހާރޫން ދެއަތުން މޫނު ފުހެމުން އިންތަނުން ތެދުވެ ޔަޝްމީއަށް ފުރަގަސް ދިނެވެ.

" ޔަޝްމީ! "

ހާރޫންއަށް ގޮވާލެވުނީ މަޑުމަޑުންނެވެ. އެއާއިއެކު އެއްލި ކަޅިއަކުން ޔަޝްމީއަށް ފެނުނީ ސޯފާ ކައިރި ތިރީގައި އޮތް ފައިލެވެ. މަޑުމަޑުން ގުދުވެލާފައި ޔަޝްމީ އެ ފައިލް ނަގަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންގެ ރިޕޯޓްސް ލިބުނީތަ؟ "

އޭނާގެ ޖުމްލައިން ހާރޫންއަށް އަވަސް އަވަހަށް ފަސްއެނބުރި ބަލައިލެވުނެވެ. އަދި ބާރުބާރަށް ޔަޝްމީގެ އަތުން ފައިލް ޖަހައިގަތުމަށްފަހު ބުންޏެވެ.

" އެޑްމިޓްވާން ދާންޖެހޭ! އޮޕަރޭޝަނެއް ކުރަން"

ފައިލަށް ބަލަހައްޓައިގެން ހުރެ ހާރޫން ބުނެލީ މަޑުމަޑުންނެވެ. އެހިނދު ޔަޝްމީއަށް ލިބުނު ބޮޑު ހައިރާންކަމުން އޭނާއަށް ރުޅި އާދެވުނެވެ.

" ދެން ވާނުވާ އަހަންނަށް ބުނެދޭން ވެއްޖެއެއްނު! ބަލިމީހަކީ އަހަންނޭ! އަހަރެން ޑޮކްޓަރަށް ދައްކާށޭ މިތަނަށް އައިސް މިއުޅެނީ.. ހާރޫން ބުނީމަ ގޮސް އެޑްމިޓްވާންވީ.. އޮޕަރޭޝަންވެސް ކުރަންވީ! ވާއެއް ނުވާއެއް އަހަންނަކަށް ނޭނގެ! ކުރަނީ ކީއްކަމެއްވެސް ނޭނގެ! އެންމެ ކުޑަމިނުން އަހަންނަށް ވާގޮތް އަހަރެންގާތު ބުނެދޭން ވެއްޖެއެއްނު"

" ވާގޮތް ބުނެދޭންވީތަ؟ އަޑުއަހާނެ ހިތްވަރު އެބަހުރިތަ؟ ބުނެދޭނެ ހިތްވަރު ނެތިގެންނޭ ނުބުނެވިގެން މިއުޅެނީ؟"

ޔަޝްމީގެ ބާރު އަޑު މަޑުވީ ހާރޫން ހަޅޭއްލަވައިގަތުމުންނެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްގެން ހުރި ޔަޝްމީއަށް އަނގަމަތީގައި އަތް އެޅުނެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

" ސޮރީ! ސޮރީ.. މާ ބާރަށް ބުނެވުނީ.. މާ ބޮޑަށް ޕްރެޝަރވީ"

ޔަޝްމީއަށް ވީ ގޮތް ފެނި، ހާރޫން އަވަސް އަވަހަށް ހޮސް އޭނާގެ ގައިގައި ހިފަހައްޓާލިއެވެ.

" ޕްލީޒް ހާރޫން.. ބުނޭ! އަހަންނަށް ކިހިނެއްތަވީ؟ އަޑުއަހާނެ ހިތްވަރު ހުންނާނެޔޭ.. ބުނެބަލަ!"

ޔަޝްމީ ތުރުތުރުއަޅަމުން ބުނެލިއެވެ. އެއާއިއެކު ހާރޫން ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ރަހިމުގެ ކެންސަރު...."

ހާރޫންގެ ޖުމްލައިން ޔަޝްމީގެ މުޅި ހަށިގަނޑު ހުއްޓުމަކަށް އައެވެ. އޭނާއަށް ހުރެވުނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. އެހިސާބަށް ބުނުމަށްފަހު ހާރޫން މަޑުކޮށްގެން ހުރީ ޔަޝްމީ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ނަމަވެސް ހާރޫންގެ މޭގައި ލައްވެލައިގެން ހުރި ގޮތަށް އޭނާ ހުރީއެވެ.

" ކިތައްވަނަ ސްޓޭޖް؟ "

އެއްޗެއް ނުބުނެ ހުރުމަށްފަހު ޔަޝްމީގެ ތުންފަތް ހަރަކާތްކޮށްލީ މަޑުމަޑުންނެވެ.

" ދެވަނަ ސްޓޭޖްގައި.. ރަހިމާއެކު ބިސްދަތުރު ކުރާ ދެހޮޅީގެ އިތުރުން ދެ އޯވަރީވެސް ނަގަން ޖެހެނީ"

ބެދިފައިވާ އަޑަކުން ހާރޫން އެހެން ބުނި އިރު ޔަޝްމީއަށް ގިސްލެވެން ފެށުނެވެ.

" ދެރަނުވޭ! ޔަޝްމީގެ ފުރާނަ އަހަންނަށް މާ މުޙިއްމު"

ހާރޫން އެހެން ބުނުމާއެކު ޔަޝްމީ ބާރުބާރަށް ހާރޫންގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ. އަދި ރޮމުން ރޮމުން ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެ؟ އަހަރެން ގޮވައިގެން ހާރޫން ދިރިއުޅުމުގެ ބޭނުމެއް ދެން އެބައޮތްތަ؟ އަހަރެންގެ އެއްވެސް ބޭނުމެއް އެބަ އޮތްހޭ މިއަހަނީ؟ އަހަރެންގެ ފަރާތުން ހާރޫންއަށް ލިބެން އޮތް އެންމެ ބޮޑު އުފާވެރިކަން އެ ގެއްލެނީ... ދަރިޔަކު ލިބެން އޮތް މަގުތައް ބަންދުވީ! ދެން ކީއްކުރަން އަހަރެންގެ ފުރާނަ މުޙިއްމު ވާންވީ؟ އެކަމާއެކަމާ އަހަރެންވެސް ދާން ބޭނުންވަނީ.."

ޔަޝްމީގެ ފަހު ޖުމްލައާއިއެކު ހާރޫން ގޮސް ޔަޝްމީގެ ތުންފަތުގައި އަތްޖައްސާލަމުން ޔަޝްމީ މައިތިރިކުރިއެވެ.

" ޝްޝްޝް! ތިހެން ނުބުނޭ! ތިހެން ނުބުނޭ ޕްލީޒް! ޔަޝްމީއާ ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެ! އަހަރެން ބޭނުންވަނީ ހަމައެކަނި ޔަޝްމީ!"

ހާރޫން ޔަޝްމީ ގެނެސް އޭނާގެ ގަޔާލައި ފިއްތާލަމުން ޔަޝްމީގެ މޫނުގެ އެތަންމިތަނަށް ބޮސްދިނެވެ.

" ދެރަނުވޭ! އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... "

އަނެއްކާވެސް ހާރޫން ބުނެލިއެވެ.

***

ޔަޝްމީގެ ބަލީގެ ވާހަކަތައް ޖާވިދަށް ހާރޫން ކިޔައިދިނެވެ. ނަމަވެސް އަނެއްކާވެސް އޭނާ އެދުނީ މަންމަމެންނަށް ސިއްރުކޮށްދިނުމަށެވެ. ހާރޫން އެދުނު ފަދައިން ޖާވިދް ކަންތައް ކުރި ނަމަވެސް ކޮއްކޮއާމެދު ކަންތައްވީގޮތުން ޖާވިދު ނުހަނު ހިތާމަ ކުރެއެވެ. އެކަމާ ވިސްނަން އޮއްވާ ކުއްލިއަކަށް ހަނދާނަށް އައީ ޒޫނާ ފޮނުވި މެސެޖެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ފޯނު ނަގައި ޒޫނާއަށް ގުޅާލެވުނީ ބޭއިޙްތިޔާރުގައެވެ. އޭނާއަށް ރަނގަޅަށް ހޭވެރިކަންވީ އެކޮޅުން ޒޫނާގެ އަޑު، ކަންފަތުގައި ޖެހުމުންނެވެ.

" ޖާވިދް؟ "

ދެވަނަ ފަހަރަށް ޒޫނާ ގޮވާލި އަޑަށް ޖާވިދް ވާހަކަ ދައްކަން ފެށިއެވެ.

" އާނ.. މީ.. އަސްލު.. ގުޅާލީ ކުޑަ ވާހަކައެއް ބުނަން ވެގެން"

ބުނާނެ އެއްޗެއް ނޭނގުމުން ޖާވިދް އަވަސް އަވަހަށް ބުންޏެވެ. ޖާވިދް ބުނަން އުޅޭ އެއްޗެއް އެނގެން ބޭނުންވީ ވަރުން ޒޫނާގެ ހިތް އޭރު ވަރަށް ބާރަށް ތެޅެމުންދޔައެވެ.

" އަހަރެން ޒޫނާދެކެ ރުޅި އެއް ނާދެޔޭ.. މަޢާފަށް އެދިފައި އޮތީމަ! ކުޑަކޮށް މޫޑީ ދުވަސްކޮޅެއްވީމަ އެހެން ހުރެވެނީ.. "

ޖާވިދް އެހެން ބުނުމާއެކު ޒޫނާ ހީލި އަޑު އޭނާއަށް އިވުނެވެ.

" އަޅުގަނޑު ހީކުރީ ރުޅި އައިސްގެން ކަމަށް.."

" ނޫނޭ.. ރުޅިއެއްނާދެ! ފްރެންޑްޝިޕްވެސް ބޭނުން.. އެކަމަކު އަދިވެސް ބޭނުންވަނީ އެކަނިވެލަން!"

ޖާވިދް އެހެން ބުނުމާއެކު ޒޫނާ އޯކޭއޭ ބުންޏެވެ. އެހެންކަމުން އިރުކޮޅަކު ފޯނުގައި ހުރެލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ޒޫނާއާ ވާހަކަދައްކާލާ ހިތްވި ނަމަވެސް، ހާރޫން ދިން ޚަބަރަކުން ޖާވިދްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

***

އޮޕަރޭޝަނަށްފަހު ހާރޫންއަށް ޔަޝްމީއާ ބައްދަލްކޮށްލެވުނީ އެއްދުވަސް ފަހުންނެވެ. ނަމަވެސް މުޅި ދުވަސް އޭނާ ހޭދަކުރީ ހޮސްޕިޓަލްގައެވެ. އައިސީޔޫއިން ނެރުމަށްފަހު ޔަޝްމީ ރޫމަށް ބަދަލު ކުރި އިރުގައި އޭނާވެސް އޮތީ ހާރޫން ދެކިލަން ބޭނުންވެފައެވެ.

" ރިއްސާތަ އެއްވެސް ތާކު؟"

ޔަޝްމީގެ ބޮލުގައި ފިރުމާލަމުން ހާރޫން ސުވާލުކުރިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޔަޝްމީ ނޫނެކޭ ބުނެލިއެވެ.

" ހާރޫން ފެނުމުން ރިހުންތައްވެސް ފިލައިގެން ގޮއްސި! "

އޭރު ޔަޝްމީގެ ލޮލުގެ ހިމަކޮޅުން ކަރުނަތައް ބާލީހަށް ފައިބާތަން ހާރޫނަށް ފެނުނެވެ. އޭނާ ގަދަކަމުން ހިނިތުންވެލުމަށްފަހު ޔަޝްމީގެ ދެލޯ ފުހެލަދިނެވެ.

" ދެން ނުރޮއި! މާތްﷲއަށް ޙަމްދުކުރޭ! ހުރިހާކަމެއްވެސް ރަނގަޅޯ ޑޮކްޓަރ ބުނީ"

ހާރޫން އެހެން ބުނުމާއެކު ޔަޝްމީ އެއްމިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ.

" އަހަންނަށް ދެން ކުއްޖަކު ލިބޭނެތޯ އެހިންތަ؟ "

ޔަޝްމީގެ ވިސްނުން އަދިވެސް ގުޅިފައިވަނީ އެކަމާކަން އެނގި ހާރޫން އިންތިހާރަށް ދެރަވިއެވެ. އެހެންކަމުން އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ޔަޝްމީއަށް ނަޞޭޙަތްދޭންފެށިއެވެ.

" ތިހެން ދެން ނުވިސްނާ! އޭރުން މާ ބޮޑަށް މީހާ ބަލިވެދާނެ! އެނގެއެއްނު ދެން އަހަރެމެންނަށް ކުއްޖަކު ނުލިބޭނެކަން.. އަހަރެން އެކަމާ ކަންބޮޑެއް ނުވެޔޭ"

ހެވިފައި އިނދެ ހާރޫން އެހެން ބުނުމުން ޔަޝްމީ ހިންދިރުވާލަމުން ބުނެލިއެވެ.

" އަހަރެމެންނަކަށް ނޫން! އަހަންނަށް.. އަހަންނަށް ނުލިބޭނީ.. އެކަމަކު ހާރޫންއަށް ލިބޭނެއެއްނު"

އެޙާލުގައި އޮވެ ޔަޝްމީ އެފަދައިން ވާހަކަ ދައްކަން ފެށުމުން ހާރޫން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެހެންކަމުން އޭނާގެ ރާގުވެސް ބަދަލުވިއެވެ.

" ދެން ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެމެން ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވައްދަން ނޫޅެއްޗޭ! އެވިސްނުން ވިސްނާހެން އެބަ ހީވޭ! ވަރަށް ސާފުކޮށް މި ބުނަނީ... ތިއީ ބޭކާރު ޚިޔާލެއް! އަހަރެން ބޭނުންވަނީ ޔަޝްމީ! ހަމައެކަނި ޔަޝްމީ! އަހަންނަށް އެވަރުން ހުރިހާ އުފަލެއް ލިބުނީ ކަމުގައި ބަލާ! ދެން އަހަރެންގާތު ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ނުކުރައްޗޭ!"

ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ޔަޝްމީގެ އަތުގައި ފިރުމާލިއެވެ. ދެރަވެފައި އޮތް ޔަޝްމީ ގަދަކަމުން ހިނިތުންވެލީ ހާރޫންގެ މޫނަށް ބަލައިލަމުންނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)