މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުތައް ށ. އަދި ނ. އަތޮޅަށް މިއަދު ފައްޓަވާނެކަން ހާމަކޮށްފިއެވެ.

މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫ ސިޓީއަށާް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށާއި ށ. އަދި ނ. އަތޮޅަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

Ad
rt

މި ދަތުރުގައި އެ އަތޮޅުގެ ރަށްރަށަށް މުއިއްޒު ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެ ކަމަށާއި މި މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ކޮށްދެއްވާނެ ކަންކަން އިއުލާން ކުރައްވާނެ ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ. އަދި މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ށ. އަދި ނ. އަތޮޅަށް ވަޑައިގަންނަވާއިރު، އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ލ. އަތޮޅަށް ވަޑައިގެންފައެވެ. ރަނިން މޭޓްގެ ކެމްޕެއިން ހަރަކާތްތައް ދެން ކުރިއަށް ދާނީ ލ. އަދި ތ. އަތޮޅުގައި ކަމަށް ތޮލާލް ވިދާޅުވިއެވެ.