ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފިއެވެ.
މިކަން ހާމަކުރީ "އުފާވެރި އަމާންރާއްޖެ" ގެ ނަމުގައި ހިންގަމުންދާ ރައީސް ސާލިހު ގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ.
އެ ޕާޓީގެ މެނިފެސްޓޯގެ "ހެޔޮވެރިކަން" ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ.
އެބައިގައި ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްޣޫލު ވެގެން އުޅޭ ދުވަސްވަރު ކަމަށް ވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި އެ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީ އިން މަސައްކަތް ކުރާގޮތަށް ކަނޑައަޅާނެ ކަމަށް ބުނެފައި ވެއެވެ. އަދި "ވަންގަވް" މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީސް އެކުލެވިގެން ވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ވެސް ގާނޫނު އަސާސީ އިސްލާހު ކުރާނެ ކަމަށް މެނިފެސްޓޯ ގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިވެހި ސިވިލް ސާވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒު ކުރެވޭނެފަދަ ބައްޓަމަކަށް ގާއިމް ކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި އެ ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަން ކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމް ކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމުގެ ގޮތުން ސިވިލް ސާވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ޤާނޫނީ އިސްލާހުތައް ގެންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ދަރަވަންދޫ ގައި ރޭ އިފްތިތާހު ކުރި މި ބައިގާ ދައުލަތުގެ މުއައްސަސާތަކުގެ ގަވާނަންސްގައި ހުރި ފަރަގުތައް ނައްތާލައި، އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމް ކުރުމަށްޓަކައި ޕަބްލިކް ސާވިސްއެއް ގާއިމްކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހަމަމިއާއެކު ވަޒީފާއާބެހޭ ގާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަން ކުރެވިފައިވާ ޤާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ގާނޫނު އިސްލާހުކުރާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!