އަހުމަދު އިބްރާހިމް ދީދީ ނުވަތަ އާންމުނަމުން ނަމަ، ސަންދާނު އަހަންމައިދީ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އުމުރުން 72 އަހަރުގައެވެ.
އަހަންމައިދީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިރު ކަނޑާލައި މިނިވަން ނޫސްވެރިކަމެއް އުފަން ކުރުމަށް ނެރުނު އިންޓަނެޓް މަޖައްލާ 'ސަންދާން' ގެ އެއް ބާނީއެވެ.
ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި 2002 ވަނަ އަހަރު، އޭނާ ވަނީ އުމުރަށް ޖަލަށް ވެސް ލާފައެވެ. އުމުރަށް ޖަލަށް ލުމަކީ އޭރު 15 އަހަރު ކަމުގައި ވިޔަސް 2006 ވަނަ އަހަރުގެ ފެބްރުވަރީ މަހު، މައުމޫން ވަނީ އަހަންމައިދީ އަށް މައާފު ދެއްވައި ޖަލުން މިނިވަން ކުރައްވާފައެވެ.
ސަންދާން ނެރުނު މައްސަލާގައި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) އަދި ފާތުމަތު ނިސްރީން ކިޔާ އަންހެނަކު ވެސް ވަނީ ޖަލަށް ލާފައެވެ.
ޖަލުގެ ހަޔާތަށް ފަހު އަހައްމައިދީ ވަނީ އިންސާނީ ހައްގުތައް ހޯދައި ދިނުމަށް މުޒާހަރާތަކާއި އެއްވުންތަކާއި އެކިއެކި އެހެން ފޯރަމްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިފަހުން ސަންދާން ނެރެން ފަށާފައިވާއިރު، އޭނާ ފާހަގަ ވެގެން ގޮސްފައި ވަނީ ޑިކޮމްރަސީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއްގެ ގޮތުގައެވެ.
އަހަންމަދީގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!