އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓްކޮށްފިއެވެ.
ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އީފާސް އިންޓަގްރޭޓް ކުރުމަކީ އަގުހުރި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ޕާޓްނާޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޙިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.
"ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، އުރީދޫއިން ބަލައިގަތުމަކީ، އުރީދޫގެ އަގުހުރި ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް އުރީދޫއިން ސަރުކާރާއި އެކު ކުރެއްވި ވަރަށްވެސް މުހިންމު މަސައްކަތެކެވެ." ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
އުރީދޫއިން ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމަ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް ބަލައިގަންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކޮށްގެން ހުރިހާ ޙިދުމަތަކަށްވެސް އެދިލެވޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!