އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް 83 ޓީމަކުން ރަޖިސްޓްރީ ކުރިއެވެ. މިއާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރީދޫއިން ބުންޏެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މި މުބާރާތުގެ ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް

• މާލެ ސިޓީ: 4 އޮގަސްޓް 2023

• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023

• އައްޑޫ ސިޓީ: 18 އޮގަސްޓް 2023

• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

މި މުބާރާތުގައި މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު ވާދަ ކުރާނެއެވެ.

އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމު މިއަހަރުވެސް ވާދަކުރާނެއެވެ. މި ޓީމު ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި، ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހުކަން އުރީދޫއިން ފާހަގަކުރިއެވެ.

މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

• އެއްވަނަ ޓީމް: 25،000 ރުފިޔާ

• ދެ ވަނަ ޓީމް: 10،000 ރުފިޔާ

• 3 ވަނަ ޓީމް: 5000 ރުފިޔާ

• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ

• އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ

އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާައި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.