ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްހުރި ނ. ހޮޅުދޫގެ އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމެވެ.

Ad
rt

އޭނާ ނިޔާވީ ހުންނަ ހޮޓަލުގައި ހުއްޓައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއީ މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ މީހުން ތެރެއިން ނިޔާވި ތިން ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72 ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން ހުކުރު ދުވަހުގެ އިރުއޮއްސި 6:17 ހާއިރު އެވެ. އެއީ ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހެކެވެ.

އޭގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރ. މާކުރަތު މުހައްމަދު ނަސީމް އަލީ ނިޔާވެފައެވެ. އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ މިނާއިން އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭނާ ގެއްލިގެން ހޯދާތާ 4 ދުވަސް ވެފައި ވަނިކޮށް ނިޔާވެފައިވާކަން އެނގުނީ އޭނާ އޮތް ހޮސްޕިޓަލުން ހައްޖު ޖަމާއަތަށް ގުޅާ އެންގުމުން އެ ޖަމާއަތުން ގޮސް އެއީ ނަސީމުކަން ޔަގީން ކުރުމުންނެވެ.