"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ފަށާފައިވާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ 21 މެއި 2023 ގައެވެ.

Ad
rt

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ 24 މެއި 2023 ގައެވެ.

އެ ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމުތައް ހަމަކޮށް، 3,560 މެންބަރުންގެ ފޯމާއެކު އީސީ އަށް ހުށަހެޅީ 1 ޖޫން 2023 ގައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް، ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކަމަށް އެ ޕާޓީގެ އުފެއްދުމުގެ މަސައްކަތް ފެށިކަން އިއުލާންކުރި ބައްދަލުވުމުގައި، އެ ޕާޓީގެ އުފެއްދުމުގެ އިސް ސަފުގައި އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވަނީ ވިދާޅުވެފައެވެ.