ބަންގްލަދޭޝްއަތުން ރާއްޖެ ބަލިވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ކަން އެހެން ދިމާވި ނަމަވެސް ފުޓުބޯޅައިގެ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ވާނީކޮށްފައި އަދި އެދަނީ ކުރަމުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭން ކުޅުނު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހަތުން އަރައި 3-1 އިން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

Ad
rt

މި ނަތީޖާއާއި ގުޅިގެން މަހްލޫފް ވިދާޅުވީ، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީމަ ވަރަށް ދެރަ ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ވެސް ޔަގީވާ ކަމަށް ވިދާޅުވެފަވެއެވެ.

ކުރިއަށް އޮތްމެޗަށް ދިވެި ޓީމަށް ކާމިޔާބަށްއެދިވަޑައިގަންނަވާ ކަމަށާއި، ބަލިވިޔަސް މޮޅުވިޔަސް އަބަދުވެސް ހުންނަވާނީ ޤައުމީ ޓީމާއެކުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

‘’ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތްވެސް މިސަރުކާރުން ވާނީކޮށްފަ އަދި އެދަނީ ކުރަމުން. މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ.’’ މަހްލޫފް ވިދާޅުވެފަވެއެވެ.

ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި މި ސަރުކާރަށް ގާއިމް ކުރެވިއްޖެ ކަމަށާއި، ޖުމްލަ 120 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މަހްލޫފް ވިދާޅުވެފަވެއެވެ. އަދި މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އަދި ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވިގޮތުގައި، މިސަރުކާރުން ހަމައެކަނި ކުރިއަރުވާ ތަރައްގީކުރަން މަސައްކަތްކުރަނީ ފުޓުބޯޅަ އެކަނި ނޫންކަމަށެވެ.

’’ކުޅިވަރުގެތަކުގެ މެދުގައި ހުރިތަފާތުކުރުންތައް ނައްތާލެވިއްޖެ. ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައްވާނީ ހުޅުވާލަދީފަ. އޭގެ ނަތީޖާ އެކުޅިވަރުތަކުން އެދަނީ ދައްކަމުން.’’ މަހްލޫފް ވިދާޅުވެފަވެއެވެ.

މަހްލޫފް ވިދާޅުވީ، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދާ ހާއްސައެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރުކުޅެ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުންފަދަ ގިނަ ފުރުސަތުތައް މި ސަރުކާރުން ވަނީ ހުޅުވާލަދީފައެވެ. އަދި އެފުރުސަތުތަކުގެ ބޭނުންހިފާ މިއަދު އެކުދިން ރާއްޖެ އެއަންނަނީ 2 ރަން މެޑަލް އަދި 1 ބްރޯންޒް މެޑަލް ހޯދައިގެން ކަމަށާއި، މިއަށްވުރެ ވަކި ކުޅިވަރުގައި ލިބޭނެ ބޮޑު އުފަލަކީ ކޮބައޮތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ފުޓުބޯޅަ ޓީމު އަދި މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް މިއަދު ދެކިވަޑައިނުގަންނަވާ ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

‘’އެކަމާ ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެބުމާއި ލިބޭ އުފާ މާބޮޑު.’’ މަހްލޫފް ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ މިއަދު ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން ކަމަށެވެ. އެހެންނަމަވެސް ރަންމެޑަލްތައް ލިބިފައި ވަނީ މުޅި ދުނިޔެއާއި ވާދަކޮށްގެންކަމަށެވެ.