ހއ.އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ ހދ އަދި ށ އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ "ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގެ ދަށުން ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ.
މި މުބާރާތުގައި އިހަވަންދޫއިން ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމަގެވެ.
މި މުބާރާތުގައި ހދ އަތޮޅުން ބައިވެރިވެފައި ވަނީ ދެ ޓީމެކެވެ. އެއީ ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫއެވެ. އިހަވަންދޫގެ އިތުރުން ހއ އަތޮޅުގެ ތިން ރަށަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. އެއީ ތުރާކުނު ރިކްރިއޭޝަން ކުލަބާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން ޖޭއޭ މަނަފަރު އެފްސީއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!