" ނަދާ! އަހަންނަކީ ބަލި މީހެއް!" އަސަރާއެކު ޒައިން އެހެން ބުނެލުމާއެކު ނަދާއަށް ހައިރާންވެފައި ހުރެވުނީއެވެ.
" ތިބުނީ؟ " ނަދާގެ ސުވާލުކޮށްލިއެވެ. އެއާއިއެކު ޒައިން އިށީނދެލީ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އޭނާ ނަދާއަށް ބަލައިލިއެވެ.
" އަހަންނަކީ ނަފްސާނީ ބައްޔަށް ބޭސް ކާ މީހެއް.. " ޒައިން މަޑުމަޑުން އެހެން ބުނުމާއެކު ނަދާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.
" މިހާ ޅަ ޢުމުރުގައި އަހަރެން އެ ބަލީގަ ވަރަށް ގިނަ ދުވަހު ހަނގުރާމަކޮށްފިން ނަދާ! " ޒައިން އެހެން ބުނެލުމާއެކު އޭނާގެ ދެލޮލުން ކަރުނައިގެ ވިދުން ނަދާއަށް ފެނުނެވެ. އެހިނދު ނަދާގެ ހިތުގައި އޭނާއާއިމެދު ހަމްދަރުދީ އުފެދިގެން ދިޔައެވެ.
" އަހަންނާ އުޝާގެ ގުޅުމަކީ އަހަރެން ލަންކާއަށް ދިޔުމުގެ ކުރިން ހިނގާފައި އޮތް ގުޅުމެއް. ނަދާއާ ކައިވެނި ކުރި އިރުވެސް އަހަންނަކަށް ނޭނގެ އުޝާ ޕްރެގް ކަމެއް. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ނަދާ ބޭނުންވެފަ! އަދި އޭރު އަހަރެން އުޝާދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. ނޫޙުއަކީ އަހަރެންގެ ދަރިއެއްކަން އުޝާ މުޅި ދުނިޔެއަށް ސިއްރުކޮށްދިނީ އަހަންނަށްޓަކައި.. ނަދާއާއި އަަހަރެންގެ ދިރިއުޅުމަށްޓަކައި! " ޒައިންގެ ވާޙަކަތައް ކަނުލާ އަޑުއަހަން ނަދާ އިނެވެ.
" އަހަރެން ކުރިން ނަދާދެކެ ލޯބިވިން.. ހަމަ ވަރަށް ލޯބިވިން. އެކަމަކު.. ނަދާވީ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށްނޫން..ކައިވެނިކޮށްގެން ރާއްޖެ ބަދަލުވީ ހިސާބުން ނަދާގެ ރުންކުރު މިޒާޖުން އަހަރެން ނަދާދެކެ ފޫހިވީ.. ދެން އަހަރެންގެ ދަރިޔަކަށް ބަލިވެ އިނދެ، އުޝާ އުޅޭ ޙާލު ފެނި އަހަންނަށް އޭނާއާމެދު ހަމްދަރުދީވެވުނު. އެއީ އަހަންނަށް އުޝާދެކެ ލޯބިވެވުނު ސަބަބަކީވެސް! ކުއްލިއަކަށް ޒަޔާ ގޮވައިގެން ނަދާ ރާއްޖެ ދޫކޮށް ދިޔުމާ، އުޝާ ނޫޙު ގޮވައިގެން ގޮސް މީހަކާ އިނުމާ، މިކަންކަމަކީ އަހަރެންގެ ސިކުނޑިއަށް ހޭންޑްލް ކުރެވޭ ވަރުގެ ކަމަކަށްނުވި! "
އެހިސާބަށް ވާހަކަ ދިޔުމާއެކު ޒައިންއަށް ރޮވުނެވެ. ޒައިންގެ ވާހަކަތަކުން ނަދާއަށް އިނީ ނުހަނު ހިތްދަތިކަން ލިބިފައެވެ. ޒައިންގެ ހިތާމަތައް އޭނާއަށް އިޙްސާސްކުރެވުނު ފަދައެވެ.
" މިއަދު އަހަރެން މި އެދެނީ ޒަޔާ އަހަންނާ ވަކި ނުކުރުމަށް.. އަހަރެންގެ ދަރިން އަހަރެން ބޭނުން..." ޒައިން ނަދާގެ އަތުގައި ހިފީ އޭނާގެ ދެއަތުންނެވެ. އާދޭސްކުރާ ޙާލު އޭނާ ނަދާއަށް ބަލަމުންދިޔައެވެ. ޒައިންގެ އަތުގައި އަތްޖައްސާލަމުން ނަދާ ވާހަކަ ދައްކަން ފެށިއެވެ.
" ޒައިން.. އަހަރެން ޒައިންއާ ޒަޔާ ވަކިކުރާކަށް ނުވިސްނަމޭ! އެކަަމަކު.. އެކަމަކު.. އަހަރެންވެސް ބޭނުން ތި ދެބަފައިންގެ ދިރިއުޅުމުގައި ޝާމިލްވާން! އަހަރެންވެސް ބޭނުން ޒައިންއާ އެކުގައި އުޅެން.. އަހަންނަށް އެ ފުރުޞަތެއް ނެތްތަ؟" ނަދާ އެހެން އަހާލީ ރޮވެމުންނެވެ. އެއާއެކު ޒައިން ނަދާގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ޒައިންގެ އެ ޢަމަލްތަކުން ހައިރާންވެ އިނދެ ނަދާ ޒައިންއަށް ބަލަމުން ދިޔައިރު އޭނާގެ ލޮލުން ލަސްލަހުން ކަރުނަ ފައިބަމުންދެއެވެ.
" އަހަންނަށް އެނގޭ ޒައިން ބޭނުންވަނީ އުޝާކަން.. އެކަމަކު ޒައިން! އުޝާއަކީ މީހެއްގެ އަނތްބެކޭ! އުޝާ ޒައިންދެކެ ލޯބިވޭތޯ އަޅެ އެއްފަހަރުވެސް އޭނާ ގާތު އަހާލަބަލަ!ޒައިންދެކެ އުޝާ ލޯބި ވާނަމަ އެހެން މީހަކާ އޭނައެއް ނީންނާނެއެއްނު! ޒައިން ނިކަން ރަނގަޅަށް ވިސްނާލަބަލަ! " ނަދާ އެހެން ބުނުމާއެކު ޒައިން ތެދުވިއެވެ.
" އަހަރެން މިއައީ ޒަޔާގޮވައިގެން ޒައިންގެ ޙަޔާތުން ފުރުޞަތަކަށް އެދި..." ނަދާ ބޭނުންވީ ޒައިންގެ ވިސްނުން ހުރިގޮތް ބަލާށެވެ.
" ސޮރީ ނަދާ! ނަދާ މާ ބޮޑަށްވެސް ލަސްވީ! " އަސަރާއެކު ޒައިން ބުންޏެވެ.
" އަދި ލަހެއް ނުވޭ ޒައިން! " ފަހަތުން އިވުނު އުޝާގެ އަޑުން ނަދާއާއި ޒައިން އެއްފަހަރާ ފަހަތް ބަލައިލިއެވެ. އެއާއެކު ނަދާގެ މޫނުމަތީގައި ނަފްރަތުގެ ގިނި އަނދައިގަތެވެ. އޭރު އަމީރާވެސް ހުރީ އުޝާއާއެކުގައެވެ.
" އަހަންނަށްވުރެ ބޮޑަށް މިއަދު ޒައިންއަށް މުޙިއްމުވާނީ ނަދާ! އެނގޭތަ އެއީ ކީއްވެގެންކަން؟ މަންމަގެ ކޮޓަރީގައި ތިދެމީހުންގެ ދަރިފުޅު ނިދިފައި އެއޮތީ ގިސްލަމުން. ޒައިން! ޙަޤީޤަތް ޤަބޫލުކުރޭ... އަހަންނަކީ އަދިވެސް މީހެއްގެ ޙައްޤެއް.. އަހަރެން މިގެއަށް މިއައީ ޒައިންގެ ޙަޔާތުގެ ބައިވެރިއަކަށް ވާކަށް ނޫން.." އުޝާ އެހެން ބުނެލުމާއެކު އަމީރާ އުޝާގެ އަތުގައި ހިފެހެއްޓިއެވެ. ޒައިންއަށް ގޮތެއް ވެދާނެތީ އަމީރާ ހުރީ ނުހަނު ބިރުގަނެފައެވެ.
" ނޫން މަންމާ! އެންމެ ރަނގަޅު ގޮތަކީ ޙަޤީޤަތް ހާމަކުރުން.. އަހަރެންގެ ސަބަބުން ނަދާއަށް ލިބެންޖެހޭ ޙައްޤުތަކަށް ހުރަސް އެޅިގެން ދާކަށް އަހަރެން ބޭނުމެއްނޫން.. އަދި ހަމަ އަހަރެންގެ ސަބަބުން އަހަރެންގެ ފިރިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އޭނާއަށް ގެއްލިދާކަށްވެސް ބޭނުމެއްނޫން.. މީ ވަރަށް ގިނަ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ވާހަކަތަކެއް.. ތުއްތު ދަރީންނާ އެދަރީންގެ މައިންބަފައިންގެ ވާހަކަ! ފިރިންނާ އަނބިން ދެތަންވެފައި ތިބި ވާހަކަ! އެކަނިވެރި މަޔަކު، ދަރިފުޅުގެ ބައްޕައާއި ގުޅިގެން ދަރިފުޅަށް އުފާވެރިކަން ހޯދައިދިނުމަށް އެދޭ ވާހަކަ! އަދި ބަލި ދަރިފުޅަކަށްޓަކައި އެދަރިފުޅުގެ މައިންބަފައިން، ނިކަމެތި އަންހެން ކުއްޖެއްގެ ދިރިއުޅުން މަޖުބޫރުގެ ޙާލަތަކަށް ވައްޓާލި ވާހަކަ! " އުޝާ އެހެން ބުނުމަށްފަހު ބަލައިލީ އަމީރާގެ މޫނަށެވެ.
" އަހަރެން މިއަދު ހެވިފައި މިގޭގައި އުޅުނަސް ، މަންމަމެން އެދުވަހު އަހަންނާމެދު ކަންތައްކުރި ގޮތް ދުވަހަކުވެސް ހިތަކުން ނުދާނެ! އެދުވަހުވެސް އަދި މިއަދުވެސް މަންމަމެންނަށް މުޙިއްމުވީ މަންމަމެންގެ ދަރިފުޅު! އެދުވަހު އަހަރެންގެ އަމިއްލަ ދިރިއުޅުމައިގެން އެހެން މީހަކާ އިންނަން ދިޔަ ދުވަހު އަހަރެންގެ އުފަލުގައި ބައިވެރިވާން މަންމަމެން ދެކޮޅު ހެދި! އެކަމަކު މިއަދު މަންމަމެން އަހަރެން މިގެއަށް ގެނެސް އެތައް ދުވަހަކު ތި ބަހައްޓަނީ ހަމަ އެންމެ ފަހަރަކުވެސް އަހަންނާމެދު ވިސްނާލިންތަ؟ މަންމައެއްގެ ނަޒަރުން ނުވިސްނުނަސް، އަންހެނެއްގެ ނަޒަރުން ވިސްނާލިނަަމަ... މަންމައަށް އަހަރެންގެ ހިތުގެ ކެކުޅުންތައް އިޙްސާސްކުރެވުނީސް! "
ބޭއިޙްތިޔާރުގައި އުޝާއަށް އެއްފަހަރާ ޖުމްލަތައް އަމުނާލެވުނީ ޒައިން ނަދާގެ ހުށަހެޅުން ޤަބޫލުނުކޮށް އިންކާރު ކުރީތީއެވެ. އަދި އިތުރަށް ގިނަ ދުވަހު އޭނާ އެގޭގައި ހުންނަން ޖެހިދާނެކަމުގެ ބިރަށްޓަކައެވެ.
" އަލްޙަމްދުލިﷲ މިއަދު ޒައިންއަށް ހަމަވިސްނުން އަތުވެއްޖެ! ޒައިންގެ ޙާލަތުވެސް ރަނގަޅު.. ދެން އަހަރެން މިގޭގައި ހުރުމުގެ ބޭނުމަކީ ކޮބައިތަ؟ "
އުޝާ އެހެން ބުނުމާއެކު ޒައިން އުޝާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.
" އުޝާ ތިބުނީ އަހަންނާ މެރީ ނުކުރާނަމޭތަ ؟ "
" ހޫމް.. އަހަންނަކީ ނަވީންގެ އަނބިމީހާ.. އަހަންނަކީ މިހާރު ނަވީންގެ ޙައްޤެއް.. އަހަރެން މިގެއަށް އައީ ޒައިންގެ މައިންބަފައިންގެ އެދުމުގެ މަތިން... އެއްވެސް ޙާލެއްގައި ޒައިންއާ ކައިވެނިކޮށް އެކުގައި އުޅޭކަށްނޫން އަހަރެން މިއައީ... މިގޭގައި އަހަރެން އެތައް އަހަރެއް ވަންދެން އުޅުނިން...ނޫޙުއަކީ ދަރިއެއްކަން އެނގި ހުރެމެ، ޒައިންއަށް އޭރު އެކުއްޖާއަށް ނުވެވުނު އެހީއެއް މިއަދު ވެވިދާނެތަ؟ ދެން އަހަރެމެން ، އަހަރެމެންގެ ޙާލަށް ދޫކޮށްލާ! ނަދާ އެހުރީ ޒައިން ބޭނުންވާފަދަ މީހަކަށް ވެގެން އެނބުރި އައިސް.. ޒަޔާވެސް ޒައިން ދެކެ އެހާ ލޯބިވޭ! ވީއިރު ޒައިންއަށް އުފާވެރި ދިރިއުޅުމެއް ނޫޅެވެންވީ ކީއްވެ؟ "
އަވަސް އަވަހަށް އުޝާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރުވެސް އަމީރާއަށް ހުރެވުނީ ޒައިންގެ މޫނަށް ބަލާށެވެ. ޒައިންގެ މޫނަށް އަރާފައިބަމުންދާ ކުލަވަރުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ.
" ޒައިންދެކެ... އުޝާ ލޯތްބެއް ނުވޭތަ؟" ނަދާ އަހާލިއެވެ.
" އަހަރެން ކުރިން ލޯބިވީން.. އެކަމަކު... މިހާރަކު...! " އުޝާ އެހިސާބަށް ބުނުމާއެކު ޒައިން އަތުގެ އުޝާރާތުން ޖުމްލަ މެދުކަނޑާލަން އެންގިއެވެ. އެއާއެކު އުޝާ ބުނަން އުޅުނު ޖުމްލަ ހުއްޓާލިއެވެ.
" އެނގިއްޖެ! ވިސްނިއްޖެ! ސާފުވެއްޖެ! ބުނަން ތިއުޅެނީ ކީކޭކަންވެސް ފަހުމުވެއްޖެ! އަހަންނަކީ ބާކީވެފައިވާ މީހެއްކަންވެސް އެނގިއްޖެ!" ދުރަށް ބަލަހައްޓައިގެން ހުރެ ޒައިން އެހެން ބުނެލުމާއެކު ބާރުބާރަށް އަމީރާގޮސް ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ޒައިންގެ ހާލަތު ގޯސްވެދާނެތީ އަމީރާ ހުރީ ނުހަނު ހިތް ބިރުގަނެފައެވެ.
" ދަރިފުޅާ! " އަމީރާ ގޮވާލީ ލޯތްބާއެކުއެވެ. އެމަންޒަރު ބަލަން އުޝާގެ އިތުރުން ނަދާވެސް ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ.
" އަހަރެން ރަނގަޅޭ މަންމާ! ކަންބޮޑުނުވޭ.. އަހަރެން ނުރޮމޭ! " ޒައިން ހީލީ ގަދަކަމުންނެވެ.
" އަހަންނަށް މަޢާފްކުރޭ ޒައިން.. ނޭނގުމެއްގެ ތެރޭގައި ޒައިން ބަހައްޓަން އަހަރެން ބޭނުމެއްނޫން.. ނަދާއަށް އެނގޭތަ؟ މިއަދު އަހަރެން ނަދާއާ އެގޮތަށް ވާހަކަ ދެއްކީވެސް މިހެންވެގެން.. އެއްވެސް ޙާލެއްގައި ނަދާ ހިތުގައި ޖައްސާކަށްނޫން.. އޭރުވެސް އަދި މިހާރުވެސް ތި ދެމީހުންގެ ދިރިއުޅުމަކާ އަހަރެން ނުބެހެން.."
އުޝާ ނަދާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. ނަދާއަށްވެސް އޭރު ހުރެވުނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ.
" އަހަރެން ބޭނުންވަނީ އެކަނިވެލަން... މަންމަ ކަންބޮޑުނުވައްޗޭ! އަހަރެން ބޭނުންވަނީ ކުޑަކޮށް ޖައްސާލަން!" ޒައިން، އޭނާގެ އަތުން މަންމަގެ އަތް ނައްޓުވާލަމުން އިސްޖަހާލައިގެން ހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު އެންމެންނަށްވެސް ތިބެވުނީ ޒައިން ދާ މަންޒަރު ބަލާށެވެ.
" އަހަންނަށް އެނގޭ މަންމަ ތިހުރީ ހިތްހަމަ ނުޖެހިފައިކަން.. އެކަމަކު އަހަރެން ކަންތައް މިކުރީ ޒައިންއަށްވެސް އަދި ނަދާއާއި ޒަޔާއަށްވެސް ރަނގަޅު ގޮތެއް ވުމަށް އެދޭތީވެ.. އަހަރެން މިހެން މިގޭގައި އުޅޭހާ ހިނދަކު ޒައިންގެ ވިސްނުން ބަދަލެއް ނުވާނެ.. "
އުޝާ އެހެން ބުނުމާއެކު ނަދާއަށް ބަލައިލެވުނީ އަމީރާގެ މޫނަށެވެ.
" ތެދެއް މަންމާ! ނޭނގުމެއްގައި ޒައިން ބެހެއްޓުމުގެ ބޭނުމެއް ނެތެއްނު.. އުޝާއަށްވެސް އުފަލުގައި ދިރިއުޅުމުގެ ޙައްޤު އޮންނަންވާނެ.." ނަދާ ބުނެލިއެވެ.
" އަހަރެން މިހުރީ ރުޅިއައިސްފައެއް ނޫން. އެކަމަކު މަގޭ ދަރިފުޅާމެދު ކަންތައްތައް ވާގޮތުން ވަރަށް ހިތުގައިޖެހިފައި މިހުރީ! އެންމެންގެ ވާހަކަތައްވެސް އަހަންނަށް އަޑު އިވިއްޖެ! ދެން ރަނގަޅުވާނީ އުޝާ މިގެއިން ދިޔައްޔާ.. ބައްޕަ ގެއަށް އައީމަ ފިރިމީހާގެ ގެއަށް ދާން އުޝާ ތައްޔާރުވޭ! " އަމީރާގެ ރާގުގައިވަނީ މަޑުމައިތިރިކަން އެކުލެވިފައެވެ. އެކަމުގެ ސަބަބުން އުޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުކަހަލައެވެ.
****
ފިހާރައަށް ނުގޮސް ނަވީން ގޭގައި މަޑުކުރީ ބައްޕަގެ އެދުމަށެވެ. ފެންވަރާ ތާޒާވެލައިގެން ސޯފާގައި އިށީން އިރުގައިވެސް އޭނާއަށް ގަޑި ބެލެނީއެވެ.
" މިހާރު އެ އަންނަނީ އެމީހުން.. ވިޔަފާރީގައި ސަލީމްވަނީ ބައްޕައަށް ވަރަށް އެހީތެރިވެދީފައި! މިގެއަށް އަންނާނަމޭ ކިޔާތާ ލައްކަ ދުވަސް ވެއްޖެ! އެހެންވެ ދެން މިގެއަށް އަންނަ ދުވަހު ދަރިފުޅު ނެތީމަ ބައްޕަ ކިހާ ދެރަވާނެ.."
ޖާބިރު ބުނެލިއެވެ. އެއާއެކު ނަވީން ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެހެންތަ؟ އެހެންވިއްޔާ ކޮންމެހެންވެސް އަހަރެން ހުންނާނެއެއްނު.. އެއައީ ކަންނޭނގެ.. " ނަވީން ވާހަކަ ފެށުމާއެކު ބެލް ޖަހާލި އަޑަށް ޖާބިރު ވަގުތުން ތެދުވިއެވެ. ނަވީންވެސް ތެދުވުމަށްފަހު ކޮޅަށް ހުރެލީ، ބައްޕަ އެމީހުން ގޮވައިގެން އަންނާނެތީއެވެ.
" މިހުރީ މަގޭ ދަރިފުޅު ނަވީން.... މީ އަހަރެންގެ ހުރިހާވެސް މީހަކީ.."
ނަވީންގެ ކުރިމަތީގައި ހުރި ސޯފާގޮނޑިތަކުގައި އިށީނުމަށް ޖާގަ ދައްކަމުން ޖާބިރު ބުނެލިއެވެ. ސަލީމްއާއެކު އޭނާގެ އަންހެން ދަރިފުޅުވެސް ހުއްޓެވެ. އެ ދެބަފައިންނަށް ނަވީންއަށް ބަލައިލެވުނީ އެއްފަހަރާއެވެ.
" އެހެންތަ؟ މީ މަގޭ ދަރިފުޅު ނޫރާ.. މީ މަގޭވެސް ހުރި ހަމައެކަނި ދަރިފުޅު.. ބައްޕިގެ ޕްރިންސަސް.." ސަލީމް ނޫރާގެ ކޮނޑުގައި އަތް އަޅުވާލުމަށްފަހު އޭނާއާއި ގާތްކޮށްލަމުން ނުހަނު ލޯތްބާއިއެކު ބުނެލިއެވެ. އެއާއިއެކު ނޫރާގެ މޫނުމައްޗަށް ފައިބައިހުރި ރަންކުލައިގެ އިސްތަށިކޮޅުތައް އަތުން އެއްފަރާތްކޮށްލަމުން ތުއި ގޮތަކަށް އޭނާ ނަވީންއަށް ބަލައިލިއެވެ. ނޫރާއަކީ ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. އޭނާގެ ކޮންމެ ބަލާލުމަކުން ފިރެހެނުންގެ ހިތްތައް ޒަޚަމްކޮށްލާފަދައެވެ. ނަމަވެސް ނޫރާ ބަލަމުންދާގޮތުން ނަވީން ހުރީ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ. ނޫރާގެ އެ ބެލުމަކީ އާދައިގެ ބެލުމެއް ނޫންކަން ނަވީންއަށް އެނގުނެވެ.
" މިގެ ހާދަ ރީއްޗޭ ބައްޕާ! ސިޑިއެއްވެސް އެބަހުރި.. ޓެރަސްއަށް ގޮސްލަން ބޭނުން.. ޕްލީޒް.."
ތުއި ގޮތަކަށް ނޫރާ އެދުނެވެ. އެއާއިއެކު ޖާބިރަށް ބަލައިލެވުނީ ނަވީންގެ މޫނަށެވެ. އެހިނދު ލޮލުންނާއި ބޮލުން އިންކާރު ކުރާކަން ޖާބިރަށް އަންގާލިއެވެ.
" ދަރިފުޅު ދާންވީނު ނޫރާއަށް ޓެރަސް ދައްކާލަން... " ނަވީން ބޭނުން ނުވާކަން އެނގި ހުރެވެސް ޖާބިރު އެހެން ބުނުމުން ނަވީން ގާތަށް ވަރަށް ރުޅިއައެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން ނޫރާ ތެދުވުމުން ނަވީނަށް މަޖުބޫރުވީ ނޫރާއާއިއެކު ހިނގައިގަތުމަށެވެ.
****
ކޮޓަރިއަށް އައި އިރު ނޫޙު އިނީ ކުޅޭށެވެ. އޭރު އުޝާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ނަވީންގާތަށް ދެވޭތީ ހިތް ހަމަ އޮބި ނޯންނަ ވަރަށް މަޖާ ނަގަމުންދާކަން އުޝާއަށް އިޙްސާސްކުރެވެއެވެ. އަލަމާރީގައި ހުރި ހެދުންކޮޅު ނަގާ، ދަބަހަށް އަޅާލުމަށްފަހު އޭނާ އެނދު ހުރަހަށް އޮށޯވެލިއެވެ.
" މަންމި ކީއްވެ ތި ހެނީ؟ "
ކުއްލިއަކަށް އުޝާ ސިއްސައިގެން ދިޔައީ ދުރުގައި ކާރު ކުޅެން އިން ނޫޙުގެ އަޑުންނެވެ. ނޫޙުއަށްވެސް އޭނާގެ ހަރަކާތްތައް މިއަދު ތަފާތުކަން ފާހަގަ ކުރެވުނީތާއޭ އުޝާގެ ހިތަށް އެރިއެވެ.
" ދަރިފުޅު ޑެޑީ ގާތަށް ދާން މިއުޅެނީ މިއަދު.." އުޝާ އެހެން ބުނެލީ އެނދުމަތީގައި އޮތް ކުޝަންގައި ބައްދާލަމުންނެވެ.
" ޔޭ! " އަތުގައި އޮތް ކުޑަ ކާރު ބާރަށް ދުރަށް ކޫއްތާލަމުން ނޫޙުއަށްވެސް އުފަލުން ހަޅޭއްލަވައިގަނެވުނެވެ.
" ކާފަ އަދި މާ އުފާވާނެ.." އެހެން އިނދެ ނޫޙު ބުނެލި އަޑު އިވުނެވެ. ނޫޙުވެސް އެގެއަށް ދާން ބޭނުން ވެފައި ހުރިވަރު އެނގުމުން އުޝާގެ ހިތަށް އިތުރު އުފާވެރިކަމެއް ގެނުވިއެވެ. އެހެންކަމުން އޭނާގެ ހިތް އެދެމުން ދިޔައީ ނަވީންއަށް ސަޕްރައިޒެއް ދިނުމަށެވެ. ނަވީންވެސް ހަމަ އެފަދައިން އުފާކޮށްލުމަށެވެ.
އަމިއްލައަށް ހީލަހީލާ އޮއްވާ ކުއްލިއަކަށް އުޝާއަށް ބޭރުން ފަހުމީ ގޮވާލިއަޑު އިވި، އޭނާ ކޮޅަށް ޖެހުނެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލީ ނުހަނު އަވަހަށެވެ.
" ބައްޕާ! އާދޭ އެތެރެއަށް.." އުޝާ ބުނެލިއެވެ. ނަމަވެސް ފަހުމީ ހުރީ ވަންނަ ގޮތަކަށް ނޫނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރެ އޭނާ އުޝާއަށް ބަލަމުން ދިޔައެވެ.
" މަންމަ ބުނެގެން އުޝާ ގެއަށް ގެންދަން ވެގެން... މަންމަ ބުނީ އުޝާ ދާން ބޭނުންވެޔޭ! " ދެރަވެލާފައި ފަހުމީ ބުނެލިއެވެ. ބޯޖަހާލަމުން އުޝާ އިސްޖަހާލީ އޭނާ ދާން ބޭނުންވާވަރު ފަހުމީއަށްވެސް އިޙްސާސްކޮށްދިނުމަށެވެ.
" އުޝާ އަހަރެމެންނަށް ކޮށްދިން ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޒައިންގެ ޙާލަތު އެހާ ގޯހެއް ނޫން.. އަހަރެން މިއައީ ޒައިން ގާތަށް ވަދެލާފައި! ޒައިންވެސް ބުނި އުޝާގެ ދިރިއުޅުން ހަލާކު ކުރާކަށް އޭނަވެސް ބޭނުމެއް ނޫނޯ! އެކަމަކު ދެން އުޝާއާއި ކުރިމަތިލާކަށް ބޭނުމެއް ނޫނޯ ބުނީ.." ފަހުމީ އެހެން ބުނުމުން އުޝާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
" އެއްވެސް މީހަކު ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއްނޫން... ޒައިންގެ ކިބައިން މަޢާފަށް އެދެން އަހަރެން ބޭނުން އަދިވެސް.."
" ނޫނޭ.. ދެން އެތަނަށް ވަންނާނެ ކަމެއްނެތް.. އޭނަ އެހެން އެބުނަނީ ދެރަވާތީވެ. ދުވަސްކޮޅަކުން ރަނގަޅުވެދާނެ. އުޝާއަށް އެނގޭތަ؟ ނަދާއަށް ޒައިންގެ ބަލިޙާލު އެނގުމުން އޭނަ ދެންމެ ވަރަށް ރޮއިފި.. ދެން ނަދާގެ އުޅުން އިޞްލާހުވެފައި ހުރިއްޔާ ރަނގަޅުތާ! " ފަހުމީ ބޭނުންވީ ވާހަކަ ކުރުކޮށްލާށެވެ.
" ދެން ބައްޕަމެން އަހަރެން މި އާއިލާއިން އެއްކޮށް ބޭރުކޮށްލަނީތަ؟ އަހަރެން އަދިވެސް މަންމައާއި ބައްޕަދެކެ ވަރަށް ލޯބިވޭ! "
އުޝާ އެހެން ބުނެލުމާއެކު ފަހުމީ ހީލިއެވެ.
" ނޫނޭ! ދަރިފުޅަށް ރަނގަޅަކަށްދޯ ބައްޕަމެންވެސް މިހާރު މިހެން ކަންތައްމިކުރަނީ... މިގޭ ދޮރު އުޝާއަށް އަބަދުވެސް ހުންނާނީ ހުޅުވިފައި... ދެން ނުވިސްނާ.. ހިނގާ ދަމާ! "
ފަހުމީގެ ޖުމްލައާއިމެދު އުޝާ ހިތްހަމަ ޖައްސާލިއެވެ.
***
ޓެރަހަށް އެރުމަށްފަހު ނަވީން ގޮސް ހުއްޓުނީ މަގުމަތި ފެންނަ ފަށުގައެވެ. އަދި ބެލްކަނީގެ ވަށައިގެން ޖަހާފައިވާ ސްޓީލް ހޮޅިތަކުގައި އަތް އަޅުވާލުމަށްފަހު އޭނާ ތިރިއަށް ބަލައިލިއެވެ.
" އަހަންނާ ވާހަކަވެސް ދައްކާ ނުލާނަންތަ؟" ނަވީންއާއި އެއް ހަމައެއްގައި ހުއްޓުމަށްފަހު ސްޓީލްހޮޅިތަކުގައި ބުރަކަށި ޖައްސާލަމުންނޫރާ ބުނެލިއެވެ. ޖަވާބުގައި ނަވީން ހީލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.
" އެހުރި މާގަސްތައް ހައްދަނީ ނަވީންތަ؟ " އަނެއްކާވެސް ނޫރާ ސުވާލުކޮށްލިއެވެ. އޭނާ ހުރީ ސީދާ ނަވީނަށް ބަލާށެވެ. ނަވީން ބޯ ޖަހާލުމާއެކު އަނެއްކާވެސް ވާހަކަ ދެއްކީ ނޫރާއެވެ.
" ނަވީން އެންމެ ޝައުޤުވެރިވަނީ މާގަސް ހައްދަންދޯ! އެހެންވީމަ.. އަހަންނަށް ހީވަނީ ނަވީންއަކީ ވަރަށް މަލަށް ލޯބިކުރާ މީހެއްހެން.. ސޯ ސްވީޓް."
" ނޫން.. މަލަކަށް ޝައުޤުވެރިއެއް ނުވަން.. ޝައުޤުވެރިކަން ހުންނަނީ ގަހަށް! އެގަހަށް ބޭނުންވާ ވަރަށް ފެންދީ، ސާފުކޮށް ހަދަން ބޭނުންވަނީ.." ނަވީން އެހެން ބުނުމާއެކު ނޫރާ ދެލޯމަރާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އާހް.. ޔޫ އާރ ސޯ ކެއަރިންގ މޭން! އައި ލައިކް އިޓް! " ވައި އަޑުން ނޫރާ އެހެން ބުނެލީ އޭނާގެ ކަންފަތުގައި ލައިފައިވާ ބޮޑު ބޮޅާއި ކުޅެލަމުންނެވެ. ވީ ފޫހިން ނަވީން އެނބުރުނީ އަނެއް ފަރާތަށެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ. ގަސްތަކާއިދިމާލަށް އޭނާ ހިނގައިގަތީ ނޫރާއާއި ދުރަށް ދިޔުމުގެ ނިޔަތުގައެވެ. އެތަނުން ނިކުމެގެން ގޮއްސިނަމަ ބައްޕަ ދެރަވެ، ލަދުގަންނާނެތީ އޭނާއަށް މަޑުކުރަން މަޖުބޫރުވިއެވެ.
" މި ބޯގަންވިލާ ގަސްތައް ހާދަ ރީއްޗޭ! އަހަންނަށް މާކޮޅެއް ބިނދެލަދޭންވީނު.." ޕޮޓުތަކުގައި ހައްދާފައިހުރި ގަސްތަކަށް ބަލަމުން ފަހަތުން އައިސް ނޫރާ ބުންޏެވެ.
" ނޫރާ އެންމެ ގަޔާވާ ކުލަތަކާއި މާތައް، އަހަންނަށް ކިހިނެއް އެނގޭނީ؟ " ފޫހި ރާގަކަށް ނަވީން ބުންޏެވެ.
" އަހަރެން ކިޔައިދިނީމަ އެނގޭނެއެއްނު.. އޯހް.. ހާދަ މީރު ވަހެއް އެބަ ދުވައޭ! ބޯގަންވިލާމަލުން ހަމަ މިހާ މީރުވަސް ދުވާތަ؟ "
ފުރަގަހުން ނަވީންގެ ގަމީހާއި މޫނު ކައިރިކޮށްލަމުން ނޫރާ ބުނެލިއެވެ. ނޫރާގެ އަޑު ތަންކޮޅެއް ގާތުން އިވުމުން ނަވީން ފަހަތް ބަލައިލިއެވެ. އޭރު ހެވިފައި ހުރެ ނޫރާ އޭނާއަށް ބަލަމުން ދިޔައެވެ.
" ބޭނުން ވަރަކަށް މާ ބިނދޭ! އަހަންނަށް މިހާރު ކުޑަކޮށް އެބަ ލަސްވޭ.." ދުރަށް ޖެހިލަމުން ނަވީން ބުންޏެވެ. ނަވީން އޭނާއާއި ގަޔާނުވާކަން ނޫރާއަށް ޔަޤީން ކުރެވުނު ނަމަވެސް ނޫރާއަކީ ގޮތްދޫކުރާ ކަހަލަ ކުއްޖެއް ނޫނެވެ. ފަޓްލޫންގެ ދެޖީބަށް އަތް ޖަހާލައިގެން ހުރި ނަވީންއަށް ބަލަމުން ގޮސް ނޫރާ ހުއްޓުނީ ގަސްޕޮޓުތައް ކައިރީގައެވެ. އެއާއިއެކު ނަވީން އަނެއްކާވެސް ނޫރާއަށް ފުރަގަސްދިނެވެ. އޭނާ ދައްކާ ތުއިކަން ބެލުމަށް ނަވީންގެ އެއްވެސް ޝައުޤުވެރިކަމެއްނެތެވެ. އެކަން އިޙްސާސް ކުރެވުމުން ނޫރާ ހިތްހަމަ ނުޖެހުނެވެ.
އަހަރެންގެ ރީތިކަމަށް ދަހިވެތި ނުވާ އެއްވެސް ފިރެހެނަކު ނުހުންނާނެއެވެ. މީނަ އަހަރެންދެކެ މިހާ ފޫއްސެއް މިވަނީ ކީއްވެހެއްޔެވެ؟
ހިތާއިހިތުން ވާހަކަ ދައްކަމުން، އޭނާ މާ ބިންނަން ފެށިއެވެ. އެވަގުތު ގަހުން ވަރުގަދަ ކައްޓެއްފެނި އޭނާއަށް ނަވީންއަށް ބަލައިލެވުނީ ވިހަ ނަޒަރަކުންނެވެ. އޭރު ނަވީން ހުރީ އަނެއްކާވެސް ގޮސް މަގުމަތި ބަލާށެވެ. ނަވީންއަށް ބަލަން ހުރެގެން ނޫރާ އަމިއްލައަށް އަތަށް ކައްޓެއް ހަރާލިއެވެ.
" އައުޗް.. އޯހް..." ތަންކޮޅެއް ބާރަށް އޭނާ އެހެން ބުނީ އިނގިއްޔަށް ފިތާލަމުންނެވެ. އަދި ރޮވޭ ކަމަށް ހަދާ، ތަދުވެގެން އުޅޭ ގޮތް ދައްކަން ފެށިއެވެ. އެހިނދު ދުރުގައި ހުރި ނަވީން ބާރުބާރަށް އެދިމާލަށް އައެވެ.
" ކިހިނެއްވީ؟ " ނަވީން އައިސް އެހެން ބުނުމާއެކު ނޫރާ ދައްކާލީ އަތުގެ އިނގިއްޔެކެވެ. އޭރު އިނގިލިން ލޭ ކުލަ ވަރަށް ކުޑަކޮށް ފެންނަން ހުއްޓެވެ.
" އަވަހަށް ހިނގާ ތިރިއަށް ދާން.. މަލަން އަޅަން.." ނަވީން ހިނގައިގަންނަމުން އެހެން ބުނުމުން ނޫރާ ނޫނެކޭ ބުނެލިއެވެ.
" ލޭ ފެނުނީމަ އަހަރެން ވަރަށް ބޯ އަނބުރާއެބަ... " ހުރި ފިޔަވަޅު މަތީގައި ނޫރާ ހުރެ އެއް އަތުން ލޯމަތީގައި އަތް އަޅަމުން އަނެއް އަތް ތިރިއަށް އެލުވާލީ، މީހާގެ ގައިން ވާގިދާ ގޮތް ދައްކަމުންނެވެ. އެހެންކަމުން ނަވީންއަށް އޭނާގެ އަތުގައި ހިފަހައްޓަން މަޖުބޫރުވިއެވެ. ނަވީން ގޮސް އެ އަތުގައި ހިފުމާއެކު ނޫރާ، އަނެއް އަތުން ނަވީންގެ ކޮނޑުގައި އަތް އަޅުވާލީ، ނަވީންގެ ގައިގައި ލެނގިލަމުންނެވެ. އޭރު އޭނާ ހުރީ ދެލޯވެސް މަރައިގެންނެވެ. ނޫރާގެ އިނގިލި ބަލައިލިއިރު އިނގިލީގައި ހުރީ ކުޑަކުޑަ ލޭ ތިއްކެކެވެ.
" ނޫ...ނޫރާ! " ނަވީން ގޮވާލުމާއެކު، ނަވީންގެ ކަނދުރާދަށުގައި އޭނާ މޫނު ޖައްސާލިއެވެ. އެވަރުގެ ލޭތިއްކެއް ފެނިގެން މީހަކު ބޯ އަނބުރާފައި ގައިން ވާގި ނުދާނެކަން ނަވީންއަށް އެނގެއެވެ.
" ނަވީން! " ކުއްލިއަކަށް ފަހަތުން އިވުނު އުޝާގެ އަޑަށް ނަވީންއަށް ތެޅިގަނެވުނެވެ. ނޫރާގެ ގައިން ދޫކޮށްލަން މަސައްކަތް ކުރި ނަމަވެެސް ނޫރާ، ހުރީ ނަވީންގެ ގަމީހުގައި ނިކަން ބާރަށް ހިފަހައްޓައިގެންނެވެ. ގައިގައި ވަރު ނެތް މީހަކަށް އެހާ ބާރަށް ނުހިފެހެއްޓޭނެކަން ނަވީންއަށް އެނގެއެވެ. ހައިރާންވެފައި ނަވީންއަށް ގޮވާލި، އަންހެން އަޑެއް ކަންފަތުގައި ޖެހުމުން ނޫރާ ބޭނުންވީ އިތުރަށް ނަވީނާ ގާތްވެލާށެވެ.
" ނޫރާ.. ދޫކޮށްބަލަ! " ތަންކޮޅެއް ބާރަށް ނަވީން ބުނެލީ ރުޅިއައިސްފައެވެ. އެހެން ބުނުމަށްފަހު ނަވީން ނޫރާއާ ދުރަށް ޖެހުނެވެ.
" އުޝާ! ކޮންއިރަކު އައީ؟ " ނަވީން އެހެން ބުނެލި އިރުގައިވެސް އުޝާގެ ނަޒަރު ހުއްޓިފައިވަނީ ނޫރާއަށެވެ. އެއާއެކު ނޫރާ އަވަސް އަވަހަށް ހިނގައިގަތީ ތިރިއަށް ފައިބާށެވެ. ބާރުބާރަށް ދިޔަ ނޫރާއާއިދިމާލަށް ނަވީންއަށް ބަލައިލެވުނީ ރުޅިވެރި ނަޒަރަކުންނެވެ.
" އެއީ ނަވީންގެ ކާކު؟ " އުޝާގެ ސުވާލުން ނަވީންގެ މޫޑު ބަދަލުވެގެން ދިޔައެވެ. ނަވީން ގޮސް އުޝާގެ ކުރިމަތީގައި ނުހަނު ގާތުގައި ހުއްޓި ބުނެލިއެވެ.
" އެއީ... އެއީ އަހަރެންގެ އެއްވެސް މީހެއް ނޫން.."
" ދޮގު! ތީ ދޮގެއް..." އެހާމެ އަވަހަށް އުޝާ ބުނެލިއެވެ.
" އަހަރެންގެ އެއްވެސް މީހެއް ނޫނޭ އެއީ.. ސީރިއަސްކޮށް! " ނަވީން ބުންޏެވެ. އެއާއިއެކު އުޝާ ނަވީންއާ ދުރަށް ޖެހިލިއެވެ.
" އަހަންނަށް އެނގެޔޭ އަހަރެމެން ދެމީހުންނަކީ އަދިވެސް ބީރައްޓެހިންކަން.. އޭގެ މާނައަކީ އަހަރެން ނެތީމަ އެހެން އަންހެނުންނާ ގުޅުން ބަދަހި ކުރާށެކޭ ނޫނެއްނު.." އުޝާގެ ރާގު ހުރި ގޮތުން އޭނާ މަޖާކުރަނީ ނޫންކަން ނަވީންއަށް އެނގުނެވެ.
" އުޝާ އަހަންނަށް ޝައްކު ކުރަނީތަ؟ " ނަވީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
" ޝައްކު ނުކުރަންވީ ކީއްވެ؟ އަހަންނަށް މި ފެނުނު މަންޒަރުތައް ދޮގު ކުރާނީ ކިހިނެއް؟ އަހަރެން އެގެއިން ސަލާމަތްވެގެން ނިކަން އުފަލުން މިއައީ ނަވީންއަށް ސަޕްރައިޒެއް ދޭން. އެކަަމަކު.. ސަޕްރައިޒް މިވީ އަހަރެން.."
އުޝާގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން ނަވީންއަކަށް މަޑަކުން ނުހުރެވުނެވެ. ބާރުބާރަށް ގޮސް އުޝާގެ ދެކޮނޑުގައި ހިފުމަށްފަހު އޭނާ ބުނެލިއެވެ.
" އަހަރެން ހިއެއް ނުކުރަން އުޝާ އަހަންނަށް ޝައްކުކުރާނެ ކަމަކަށް! ތީ އަހަރެންގެ އަނތްބެއްކަން އަހަރެން ހަނދާންނައްތައެއްނުލަން.. އަދި އެކަން އެނގިހުރެ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައި ވިޔަސް، އުޝާގެ ކުރީގެ ލޯބިވެރިޔާ ގާތަށް ފޮނުވައިގެން މި ކެތްކުރަނީ.. އުޝާ ނެތްތަނުގައި އަހަރެން ދުވަހަކުވެސް އުޝާދެކެ ވާ ލޯތްބަކަށް ޚިޔާނާތްތެރިއެއްނުވަން.."
ނަވީން ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް އޭނާގެ އަޑުގައި އެކުލެވިގެންވާ އަސަރުތަކުން އުޝާ ދެރަވިއެވެ.
" އެކަމަކު އަހަންނަށް މި ފެނުނީ ދެމީހުން ގައިގޯޅިވެގެންތިބި މަންޒަރު.." އުޝާ އަދިވެސް ހުރީ ޤަބޫލުކުރަން ބޭނުން ނުވެފައެވެ.
" ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ޙަޤީޤަތެއްކަމުގައި އުޝާ ޤަބޫލުކުރަނީތަ؟ އެގޭގައި އުޝާ އުޅުނު އިރު އަހަރެންގެ ލޮލަށް އުޝާ ނުފެނި ކިތައް ދުވަސް މިދިޔައީ؟ އެކަމަކު އަހަރެން އެއްވެސް ޝަކުވާއެއް ކުރިތަ؟ މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! "
ނަވީން ބުންޏެވެ. އެއާއިއެކު ޖާބިރުގެ ކޯލް އައިސްގެން ނަވީން ނިކުމެގެން ދިޔައެވެ. ނަވީން ދިޔުމުން އުޝާވެސް ހިނގައިގަތެވެ. ސިޓިންގރޫމަށް ދެވުނު އިރު ސަލީމްއާއި ނޫރާ ގޮއްސިއެވެ.
( ނުނިމޭ)
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (42)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!