ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދާ ނިމިފައިވާ ކަމަށެވެ. އެ ސްކޫލްތަކުގެ ތެރެއިން މި ވަގުތަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައް ވެސް ދެނެގަނެވި، އެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ތައުލީމާބެހޭ ވުޒާރާއިން މިހާރު އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަމަށް ބޭނުންވާ ސްކޫލްތައް ވެސް މިހާރު ވަނީ ދެނެގަނެވިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ސްކޫލްތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާކުރުމުގެ މަސައްކަތްތަކެއް ވެސް ތައުލީމާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ނުކުންނެވިއިރު ބައެއް ރަށްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، އެ ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުން ވަނީ ހުއްޓާލާފައި ކަމަށެވެ. އަދި އެ ރަށްރަށުގެ ކުދިން ކިޔަވަން ދާންޖެހެނީ، ކަނޑު ދަތުރުކޮށްފައި އެހެން ރަށްރަށަށް ކަމަށް ވެސް ވިދާޅުވިއެވެ.

''އެހެން ނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރީ، ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް.'' ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް ޤާއިމުކޮށް، އެކަން މިހާރު ވަނީ ޙައްލުކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

މިނޫނަސް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރެވެމުން އެބަދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ދާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުން ވަޒީފާގައި ހަރުލެއްވުމަށްވެސް، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ލަހެއްނުވެ ފެންނާނެ.'' ރައީސް ވިދާޅުވިއެވެ.