އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ 3-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ.

Ad
rt

މިއީ އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވުމާއިއެކު ދެވަނާގައި އޮތް ސިޓީއަށްވުރެ ދެ މެޗު އިތުރަށް ކުޅެ އާސެނަލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

އާސެނަލްއަށް 34 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެވަނާގައި އޮތީ 32 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. އާސެނަލް އަތުން ރޭ ބަލިވި ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 33 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ޗެލްސީން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް އެ ޓީމް މޮޅުވެފައި ނުވެއެވެ.

ރޭ މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޒަކާ ޗެލްސީގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން ކާމިޔާޞު ކޮށްދީފައި ވަނީ އޮޑެގާޑެވެ. މެޗުގެ 31 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އޮޑެގާޑެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ވެސް ޒަކާގެ އެހީތެރިކަމާއި އެކުގައެވެ. އޭގެ ދެ މިނެޓް ފަހުން އާސެނަލްއަށް ތިންވަނަ ލަނޑު ޖަހައިދިނީ ޖީސަސްއެވެ.

މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތުގައި ކާމިޔާބު ކޮށްދިނީ ނޮނީ މަޑުއޭކޭއެވެ.