ރާއްޖޭގައި ކެންސަރުބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސް ހިސާބުގައިވާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުއްޕާމޭގެ ކެންސަރު ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި ތައިރޮއިޑް ކެންސަރި ކަމަށް ވެސް ތަފާސް ހިސާބުން ވަނީ ދައްކާފައެވެ.
މީގެ އިތުރުން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށް ކަމަށާއި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށް ކަމަށް ވެސް ދައްކައެވެ.
ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި ވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށް ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 އިން 2019 އަށް، 7500 އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ދުނިޔޭގެ ކެންސަރު ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.
ރާއްޖޭގައި ވެސް ކެންސަރާ ދެކޮޅަށް މުހިންމު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އެގޮތުން
- ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން އެކުލަވާލުން
- - ކެންސަރު ބައްޔަށް މުޖުތަމަޢު ހޭލުންތެރިކުރުން
- - ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުވުން
- - ދުރާލާ ބަލިތައް ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމް ހިންގުން
- - ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމަށް ދޭ އެޗް.ޕީ.ވީ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައި ދޭން ފެށުން
- - ދުންފަތުން ދުރުހެލިވުމަށް "ސެޒޭޝަން" ޕްރޮގްރާމް ހިންގުން
- - ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންގެ ފަރުވާއާއި އެހީތެރިކަން ވިލަރެސްކޮށް ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރ ރަޖިސްޓްރީ" ޤާއިމުުކުރުން
ކެންސަރު ބައްޔަށް އެންމެ ބޮޑަށް މަގުފަހިވާ ކަމަކީ ދިރިއުޅުމުގެ ދުޅަހެޔޮ އާދަކާދަތަކާއި ދުރަށްދިއުމެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާއި، ކެއިންބުއިމުގެ ނުރަނގަޅު އާދަކާދައާއި ހެލިފެލިވެ ނޫޅުމަކީ ބަލިތަކަށް މަގުފަހިކުރުވާ އާދަތަކެވެ. އަދި އެފަދަ އަލާމަތްތައް ފެނި، ބައްޔަށް ސްކްރީން ކުރުން ލަސްކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!