ޤައުމީ ބަތަލު، އުތީމު މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީ އާއި ގައުމުގެ ތަރައްގީއަށް ދެވޭ އަހައްމިއްޔަތުކަން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގަ އެވެ.
"ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒަށް މިއަދު ޒިޔާރަތްކުރީމެވެ. އެމަނިކުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީ އާއި ޤައުމުގެ ތަރައްޤީއަށް ދެވޭ އަޙައްމިއްޔަތު." އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މިއަދުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް ޞާލިޙާއި، އިންޑިއާގެ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.
މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ. މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!