ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ތިން މަސްބޯޓެއް ސިފައިން މިއަދު އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ.
މިކަމާގުޅޭ، އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރަށްވައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބޭރުގެ ބައެއް ޤައުމުތަކުގެ މަސްވެރިން މަސްވެރިކަން ކުރުމަކީ ޢާންމު ކަމަކަށްވެފައިވާއިރު، އެފަދަ މަސްވެރި އުޅަނދުތައް ރާއްޖޭގެ ސަރަޙައްދުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ އަތުލައިގެންފައެވެ. މިފަދަ އުޅަނދުތައް ފެނުމުން ދިވެހި މަސްވެރިން ވެސް އަންނަނީ ސިފައިންގެ ކޯސްޓް ކާޑަށް އެކަމުގެ ރިޕޯޓުތައް ދެމުންނެވެ.
މިގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވެސް ވަނީ ކ. ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް އަތުލައިގެންފައެވެ. މި ބޯޓާބެހޭ މައުލޫމާތު އެމްއެންޑީއެފަށް ފޯރުކޮށްދިނީ އދ. މަހިބަދޫ އަސަރީ ދޯނިންނެވެ.
އެމްއެންޑީއެފުން ވަނީ، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުން ފާހަގަ ކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަނިކޮށް އާންމުގޮތެއްގައި އަތުލަނީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ މަސް ބޯޓުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!