މާލޭ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމަވައިފި އެވެ.
އެ ކައުންސިލުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ.
މިއަދުގެ ޖަލްސާގައި މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުންތަންދޭނަމަ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާރކް ހިމެނޭ ސަރަޙައްދުގައި ކަމަށެވެ. މި ބައްދަލުވުމަށް ގަލޮޅުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އެރުވޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވަނީ ގަލޮޅު ތަމްސީލްކުރައްވާ ކައުންސިލަރުން މިކަމުގައި މަސައްކަތްކޮށްދެއްވާ މި ބައްދަލުވުމަކީ ގަލޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުން ބައްދަލު ކުރުމަށް ނިންމާފައި މިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.
ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގ ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއިއެކު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައި މިކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލް މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފަ އެވެ.
މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްގީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަރައްޤީ ކުރާ "ޕްލޭ އޭރިއާ"ގައި އެންމެ ތުއްތު ކުދިންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް އެކުލެވިގެންވާނެ އެވެ.
މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށެވެ. މީގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!