ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ވިދާޅުވެއްޖެ އެވެ.

އެޖަމިއްޔާ އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވަނީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ގައުމު ބިނާކުރުމަށް ޓީޗަރުން ދެއްކެވި ނަމޫނާއަކީ އަދި ވެލެއްވި ގުރުބާނީއަކީ އެފަދަ ދެވަނައެއް ނެތް ރިވެތި، ލާމަސީލު ނަމޫނާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

"ވިސްނުމާއި ފިކުރާއިޚިޔާލާތުގެ އޮއިވަރުގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތަކަށް ސާބިތުކަމާއެކު ޓީޗަރުން ކުރިމަތިލައްވައިގެން އިރާއި ހުޅަނގުން، އުތުރާއި ދެކުނުން އަންނަ ކޮޅިގަނޑުތަކާ ހިކުމަތްތެރިކަމާއެކީ ކުރިމަތިލައްވައި، ބިޔަކަނޑުތަކާއި ކަނޑުއޮޅިތަކުގައި އަޅަމުންދާ އޮޔާއި ފުއްޓަރުތަކަށް ބިންދަމުންދާ ބިޔަ ރާޅުތަކުން ސަލާމަތްވެ، އަމާން ބަނދަރަކަށް ދަރިވަރުންނާއެކު ދިއުމަށް ޓީޗަރުން މިއަދު ކުރައްވާ މަސައްކަތް ފާހަގަކޮށް ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ތައުލީމީ ދާއިރާއަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ސްކޫލު ނިންމާ މޮޅެތި ކުދިން މިދާއިރާއަށް ޝައުގުވެރިކަން ނެތުން ކަމަށާއި މިހެންވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި "އަން-ސްކިލްޑް" މަސައްކަތް ކުރުވުމާއި ޓީޗަރުންނަކީ ހުކުރު، ހޮނިހިރު ނާންނަ އަދި ދިރިއުޅޭ ގެއަކީ ވެސް ސްކޫލު ކަމަށް ހަދައިގެން އުޅެންޖެހިފައިވާ ބަޔަކަށް ވުން ކަމަށް އެ އެސޯސިއޭޝަނުން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

ޓީޗަރުންގެ ދުވަހެއް ފާހަގަކުރުމަކީ ޓީޗަރުން ކުރައްވާ ބުރަމަސައްކަތުގެ އަގު ވަޒަންކުރުމާއެކު ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ވެސް އެ އެސޯސިއޭޝަންގެ ބަޔާނުގައި ވެއެވެ. އަދި ގިނަބަޔަކަށް ހީވެފައި އޮންނަނީ ޓީޗަރުން ޝަރަފްވެރި ބަޔަކަށް ހެދުމަކީ އެމީހުންގެ މާލީ ފުދުންތެރިކަން އިތުރުކޮށްދިނުން ކަމަށެވެ.

އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެ ފުދުންތެރިކަމާއެކީ މަސައްކަތްކުރެވޭނެ މާހައުލާއި ވަސީލަތްތައް ލިބެންޖެހޭ ކަމަށާއި އަދި ފަންނީ މަސައްކަތްކުރެވޭނެ ފުރުސަތު ޓީޗަރުންނަށް ފަހިވާން ޖެހޭނެކަން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.