މީގެކުރިން ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ކުރީ ނަންބޯޑަކާއެކު ކަމަށާއި، ދެން ވާނީ ކުރިން ވީގޮތެއް ނޫންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" ނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މީގެކުރިން ބައިނަލްއަޤްވާމީ ކުރީ، ނަންބޯޑަކާއެކު، އަންނަ އިތުރު މަތިންދާބޯޓަކުން ކަމަށެވެ. އަދި ބޯޑުފީވެ، ފުރި ބޯޓު އަނބުރާ ނައުމުން، އެކަން ނިމި، ބައިނަލްއަޤްވާމީކަން ކެނޑޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓަށް ދެން ވާނީ، ކުރިން ވީގޮތެއް ނޫން ކަމަށެވެ. އެ މަޝްރޫޢަށް ބޭނުންވާ 2.1 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި، ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ހަވާލުކުރެވިފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
''ހަނިމާދޫގައި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯ މީޓަރުގެ ރަންވޭއަކަށް. އެއީ އޭޝިއާގެ އިރުމައްޗާއި، ދެކުނު އިރުމަތީ އޭޝިޔާއިން ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާއި، އިރުމަތީ އެފްރިކާ ބޮޑުތިލަދުންމައްޗާ ގުޅުވައިދޭނީ އެ ރަންވޭއިން. ރަންވޭއަށް އަންނަ ތަރައްޤީ، ޓަރމިނަލަށް ނުގެނެސް ހަނިމާދޫ އިންޓަރނޭޝަނަލެއް ނުވެވޭނެ. ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލެއް އަލުން އިމާރާތް ކުރުން.'' ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މި މަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓް ކޮށް، އެވޯޑް ކުރެވިފައިވާ އެ މަޝްރޫޢުއަކީ މާލެ ސަރަޙައްދުން ބޭރުގައި ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަން ފާހަގަ ކުރައްވާފައެވެ.
''މި ޕްރޮޖެކްޓް މި ހިންގަނީ ޖަޒީރާވަންތަ ވިއަވަތި ދިރިއުޅުން މި ސަރަޙައްދުގެ 41 ރަށަށް ލިބިދިނުމަށް. ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު ވަދެގެން އަންނަ މައި ދޮރާށްޓަށް. މިފަހަރު އެންމެފަހު ކަމެއްގެ ގޮތުގައި ނޫނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަންބޯޑު އަޅުގަނޑުމެން ހަރެއްނުކުރާނަން.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!