ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން 2035 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތް (ޔޫކޭ) ގެ ހަތަރު ގައުމު ހަމަޖައްސައިފިއެވެ.
މިއީ 1966 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ފިރިހެނުންގެ ވޯލްޑް ކަޕަށް ފަހު، ޔޫކޭގެ ގައުމެއްގައި ފުޓްބޯޅަ ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ގުޅިގެން ބާއްވާނީ އިންގްލެންޑް، ނޮދަން އަޔަލެންޑް، ސްކޮޓްލެންޑް އަދި ވޭލްސް އެވެ.
ސްވިޒަލެންޑުގެ ޒިއުރިކްގައި ހުންނަ ފީފާގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ވަރޗުއަލް ކޮންގްރެސް ބައްދަލުވުމެއްގައި މި ނިންމުން ނިންމިއިރު، 2035 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ހުށަހަޅާފައިވަނީ ވެސް ހަމައެކަނި މި ހަތަރު ގައުމުންނެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ފީފާއިން ވަނީ 2031 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް، މެކްސިކޯ، އެމެރިކާ، ކޮސްޓަރީކާ އަދި ޖެމެއިކާ ގުޅިގެން ބޭއްވުމަށް ހުށަހެޅި ބިޑު ވެސް ފާސްކޮށްފައެވެ. އެ މުބާރާތް ވެގެންދާނީ 48 ޓީމު ވާދަކުރާ ފުރަތަމަ އަންހެނުންގެ ވޯލްޑް ކަޕަށެވެ.
ޖުމްލަ 48 ޓީމާ އެކު 39 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ 2035 ގެ މުބާރާތުގައި 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. "އޯލް ޓުގެދާ" ގެ ނަމުގައި ހުށަހެޅި ބިޑުގައި 19 ސްޓޭޑިއަމެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އިންގްލެންޑުގެ 14 ދަނޑަކާއި، ނޮދަން އަޔަލެންޑުގެ ދަނޑެއްގެ އިތުރުން ސްކޮޓްލެންޑް އަދި ވޭލްސް، ކޮންމެ ގައުމަކުން ދެ ދަނޑު ހިމެނެއެވެ. މީގެ އިތުރުން ބާމިންހަމްގެ އައު ޕަވާހައުސް ސްޓޭޑިއަމާއި، ރެކްސްހަމްގެ ރޭސްކޯސް ގްރައުންޑް އަދި ޗެލްސީގެ އައު ދަނޑު ހިމެނޭ ގޮތަށް އިތުރު ތިން ސްޓޭޑިއަމެއް އިތުރުކުރުމުގެ ފުރުސަތު އޮތްއިރު، އެހެން ވެއްޖެނަމަ މުބާރާތް 16 ސިޓީއެއްގެ 22 ދަނޑެއްގައި ކުރިއަށްދާނެއެވެ. މުބާރާތް ބާއްވާ ހަތަރު ގައުމަށް އޮޓޮމެޓިކުން ޖާގަ ލިބޭނެތޯ ފީފާއިން އަދި ނުނިންމައެވެ.
އިންގްލެންޑުން މީގެ ކުރިން 2006 އަދި 2018 ވަނަ އަހަރުގެ ފިރިހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ. އަދި 2030 ވަނަ އަހަރުގެ މުބާރާތަށް ހުށަހަޅަން އުޅުނު ބިޑު ވެސް ދޫކޮށްލިއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އަންހެނުންގެ ޔޫރޯ އިންގްލެންޑުގައި ބާއްވައި އެ މުބާރާތް އެ ގައުމުން ވަނީ ކާމިޔާބުކޮށްފައެވެ. ވޯލްޑް ކަޕް ޔޫކޭއަށް ލިބުނު ދުވަހު، ޔޫކޭ ސަރުކާރުން ވަނީ މުބާރާތް ބޭއްވުމާ ހަމައަށްދާއިރު އިތުރު އެއް މިލިއަން އަންހެން ކުދިން ކުޅިވަރު ކުޅުމާއި، ބެލުމާއި، އަދި ލީޑަޝިޕް މަގާމުތަކަށް ގެނައުމުގެ ތަސައްވުރެއް އިއުލާނުކޮށްފައެވެ.
އިންގްލެންޑުގެ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ) ގެ ޗީފް އެގްޒެކެޓިވް މާކް ބުލިންގހަމް ވިދާޅުވީ، 2022 ގެ ޔޫރޯ ބޭއްވުމުގެ ސަބަބުން ގައުމުގައި އަންހެނުންގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް އައިސް، ގިނަ އަންހެން ކުދިންތަކަކަށް ނަމޫނާ ދެއްކުނު ކަމަށެވެ. އަދި ވޯލްޑް ކަޕް ބޭއްވުމަކީ ހަތަރު ގައުމުގައި ވެސް އެ ކަންކަން އިތުރަށް ފުޅާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވޭލްސްގެ އެފްއޭގެ ޗީފް އެގްޒެކެޓިވް ނޮއެލް މޫނީ ވިދާޅުވީ މިއީ ވޭލްސްގެ ފުޓްބޯޅައަށް ފަޚުރުވެރި ދުވަހެއް ކަމަށާއި، އެ ގައުމުގެ 10 އަހަރުގެ ސްޓްރެޓެޖީގެ ދަށުން 2035 ގެ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމަކީ އަމާޒެއް ކަމަށެވެ.
ސްކޮޓިޝް އެފްއޭގެ ޗީފް އެގްޒެކެޓިވް އިއާން މެކްސްވެލް ވިދާޅުވީ މިއީ އެ ގައުމުގެ އަންހެނުންގެ ފުޓްބޯޅައަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށާއި، ކޯޗިން އަދި ވަސީލަތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް މީގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އައިރިޝް އެފްއޭގެ ޗީފް އެގްޒެކެޓިވް ޕެޓްރިކް ނެލްސަން ވެސް ވަނީ މުޅި ގައުމުގެ ކޮންމެ ކްލަބަކަށާއި އުމުރުފުރައަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، 2022 ގެ ޔޫރޯއަށް ފަހު ފުޓްބޯޅައިގައި އަންހެނުން ބައިވެރިވާ މިންވަރު 2.3 މިލިއަނަށް އިތުރުވި ނަމަވެސް، ޔޫކޭގެ ކުޅިވަރު އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އަދިވެސް އޮތީ ދަށްކޮށެވެ.
މި ބިޑު އިވެލުއޭޓްކުރުމަށް ފަހު ފީފާއިން ދީފައިވަނީ ފަހަކުން 4.3 ގެ ރޭޓިންގެކެވެ. ބިޑުގެ އެއްބަސްވުންތަކުގެ އޮނިގަނޑު "މީޑިއަމް ރިސްކް" އެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، ޓެކުހާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ދީފައިވާ ބައެއް ގެރެންޓީތަކުގައި އިތުރަށް މަޝްވަރާކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފީފާގެ އިވެލުއޭޝަން ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް، މުބާރާތް ބޭއްވުމަށް އެކަށީގެންވާ ދިގު މުއްދަތެއް އޮތުމުން މި މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!