ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން އޯޕަން ވޯޓާ ސްވިމިން ކުރިއަށް ގެންދިއުމުގެ ސިލްސިލާގެ ތެރެއިން، ހއ. ވަށަފަރުގައި ''ހއ. އަތޮޅު ދިގު ފެތުމުގެ މުބާރާތް'' މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް މާދަމާގެ ނިޔަލަށް އެ ރަށުގައި ކުރިއަށްދާނެއެވެ.
މިއީ ދިވެހިރާއްޖޭގެ މޫދުކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާ، މޯލްޑިވްސް އެކުއަޓިކްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ހއ. އަތޮޅުގެ ގިނަ ރަށްރަށުން ބައިވެރިވެފައިވާއިރު، އިންޑިވިޖުއަލް 130 ބައިވެރިން އަދި 8 ޓީމު ވާދަކުރެއެވެ.
މުބާރާތް ބަހާލެވިފައިވަނީ އެކި އުމުރުފުރާތަކަށެވެ. އެގޮތުން 12 އަހަރުން ދަށުގެ ކުދިންނަށް 500 މީޓަރުގެ ފެތުން ޚާއްޞަކޮށްފައިވާއިރު، ޖޫނިއާ ބައިގައި 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އަދި ސީނިއާ ބައިގައި 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށް 1 ކިލޯމީޓަރުގެ ފެތުން އޮންނާނެއެވެ.
މީގެ އިތުރުން 35 އަހަރުން މަތީގެ މާސްޓާސް ކެޓަގަރީ ހިމެނޭހެން، ކޮންމެ އުމުރުފުރާއަކުން ވެސް އަންހެން އަދި ފިރިހެން ބައި ވަކިން ކުރިއަށް ގެންދެއެވެ. މުބާރާތުގެ އެންމެ ދިގު އިވެންޓަކީ 12 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ 3 ކިލޯމީޓަރުގެ ފެތުމެވެ.ވަކިވަކި ފެތުންތެރިންގެ އިތުރުން މުބާރާތުގައި ޓީމު ރިލޭ އިވެންޓްތަކެއް ވެސް ކުރިއަށްދެއެވެ. ކޮންމެ ޓީމެއްގައި ދެ އަންހެން އަދި ދެ ފިރިހެން ބައިވެރިން ހިމެނޭގޮތަށް، ފެތުމުގެ ރިލޭގައި ކޮންމެ ބައިވެރިއަކު 500 މީޓަރު ފަތައި، ޖުމްލަ 2000 މީޓަރު ފުރިހަމަކުރަންޖެހެއެވެ.
މި މުބާރާތުގައި ރޭސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ޕާޓިސިޕޭޝަން މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތަކަށް މެޑަލްގެ އިތުރުން ފައިސާގެ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާޢީލް ޢަލީ "ތިލަދުން" އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ޤައުމު ތަމްޞީލުކުރާނެ ކުދިން ހޯދުމެވެ. އަދި ރަށްރަށުގައި ތިބި އޯޕަން ވޯޓާ ސްވިމިންގެ ހުނަރުވެރި ކުދިން ދެނެގަނެ، މި ފަދަ މުބާރާތްތަކުން މޮޅެތި ފެތުންތެރިން ހޯދައި، އެ ކުދިންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ހުނަރު ތަރައްޤީކުރުމަކީ ވެސް މި މުބާރާތުގެ ބޮޑު ޢަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!