ހުޅުމާލޭގައި އިތުރު އެޕާޓްމަންޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމުލަ ދިހަ ބިމެއްގައި އެޕާޓްމަންޓް އަޅަން ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.
އެޕާޓްމަންޓުތައް އަޅަން ދޫކުރަން ނިންމާފައިވަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދިނުމުގެ ސެޝަނެއް އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ބާއްވާނެއެވެ. އަދި ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި އަޅާ އެ އެޕާޓްމަންޓުތައް ވިއްކަން ވާނީ އެޗްޑީސީން ކަނޑައަޅާ ވަކި އަގުތަކެއްގައި ކަމަށާއި ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 1.5 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓުތައް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށެވެ. އަދި އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަރައްގީ ކުރަންވެސް ޖެހޭނެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެޕާޓްމަންޓް އެޅުމުގެ ބީލަންތައް ކާމިޔާބު ކުރާ ފަރާތްތަކުން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޕާޓްމަންޓުތައް މާކެޓުކޮށް ޕްރޮމޯޓް ނުކުރެވޭނެ ކަމަށެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ނުވިއްކުމަށްވެސް ވަނީ އަންގައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!