ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ޤައުމުގައި މިހާރަކަށް ވުރެ ބޮޑަށް ފުޅާކޮށް ލިބިފައެއް އޮތް ދުވަސްވަރެއް ނެތްކަމަށާއި، އިންޑިއާއި ގުޅުވައިގެން އިދިކޮޅު ޕީޕީއެމުން އިސްވެ ހިންގާ ހަރަކާތާއި ގުޅިގެން ފިޔަވަޅުއަޅާ ހިސާބަށް ކަންކަން ދިޔައީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުން، ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގެ ބަހުސްގެ ވަގުތުގައި މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމް އިން އިންޑިއާއި ދެކޮޅަށް ރާއްޖެގައި ހިންގާ ކަންކަން އިންތައް ފަހަނައަޅާ ގޮސްފައިވާކަމަށެވެ. އަދި ޕީއެމްއިން ވާދަ ކުރާނީ އިންޑިއާ އާއި ނޫންކަމަށާއި، ވާދަ ކުރާނީ އެމްޑީޕީއާ ކަމަށް ވިދާޅުވިއެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ޤައުމުގައި މިހާރަކަށް ވުރެ ބޮޑަށް ފުޅާކޮށް ލިބިފައެއް ނެތް. ޚިޔާލު ފާޅުކޮށްކޮށްނޫންތޯ މި އޮތް ހުރިހާ ދުވަހު ވެސް ހުރީ؟ އަހަރެއް ވަނީއޭ އިންޑިއާ އައުޓެކޭ ވެސް ކިޔާތާ. އެކަމަކު ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔައިމާ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އެއީ، މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވެސް މަސްއޫލިއްޔަތެއް." ރޮޒައިނާ ވިދާޅުވިއެވެ.
ކަންކަން މިހިސާބަށް ދިޔައީ އެއް ދުވަހުން ނޫންކަމަށާއި، އިދިކޮޅުގެ އަމަލުތަކުގެ ސަބަބުން މިހާރު ދިވެހި ރައްޔިތުންނަށް އިންޑިއާއަށް ގޮސް އުޅެން ނުކުޅަދާނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
"ދިވެހީންނަށް އިންޑިއާއަށް ދާން ވިސާނުލިބޭ ހިސާބަށް ގެންދިޔައީ، އިންޑިއާގެ ރައްޔިތުންގެ މި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް މަސައްކަތްނުކުރެވޭ ހިސާބަށް މިކަން ގެންދިޔައީ." ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތެއް ވިޔަސް ކަންކަން ގެންދަންޖެހޭ މިންތަކެއް ހުންނަކަމަށެވެ. އެމިންތައް ފަހަނައަޅައިގޮސް އެންމެ ފަހުން ގޮސް ގޭގެ އާއި، ސްކޫލުތަކުގެ ފާރުތަކުގައި އިންޑިއާ އާއި ދެކޮޅަށް ލިޔަން ފަށާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މި ހިސާބަށް ދިޔައިމާ މިއީ ސިޔާސީ ހަރަކާތެއް ވިޔަސް ވެސް ގެންދަންޖެހޭ ހިސާބެއް އޮވޭ، މިއީ ބޭރު ޤައުމުތަކާ ގުޅިގެން ކުރާ ކަމެއް ވީމަ. އިންޑިއާއަކާ ނޫން ޕީ.ޕީ.އެމުން ވާދަކުރަނީއެއް. ޕީ.ޕީ.އެމުން ވާދަކުރާނީ އެމް.ޑީ.ޕީއާ."
ރޮޒައިނާ ވިދާޅުވީ، ބޭރު ޤައުމުތަކާއެކު އޮންނަ ސިޔާސަތުތަކަކީ އެހެން ޤައުމުތަކުގައި ވެސް ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ބަދަލުވެގެންދާ އެއްޗެއް ނޫން ކަަމަށެވެ. އަދި އެއީ ޤައުމެއްގެ ޚާރިޖީ ސިޔާސަތު އޮންނަ ގޮތްކަމަށެވެ.
އެ ކަންކަން ބަދަލުކޮށް، އެކަންކަމަކީ ޕޮލިޓިކަލް ޓޫލެއްގެ ގޮތުގައި ގެންގުޅެން ވެއްޖެއްނަމަ ރައްޔިތުންނަށް އެއިން ވަރަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުއެވެ.
"މި ކަންކަން ހުއްޓުވަންޖެހޭ ހިސާބަށް ދިޔައީމާ ހުއްޓުވީ. ފުރަތަމަ ދުވަހު ނުކުމެގެންނެއް މިނިވަންކަން ނަގައިލަކީ ނޫން ޚިޔާލު ފާޅުކުރުމުގެ. އެކަމަކު ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އެކަން ދިޔައިމާ ޒިންމާއެއް އޮވޭ ރައީސުލްޖުމްހޫރިއްޔާގެ ވެސް." ރޮޒައިނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!