އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައި އެވިޑް ކޮލެޖް ތާއަބަދުމެ ދެމި އޮންނާނެ ކަމަށް އެވިޑްކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުން އިސްނަގައިގެން އިއްޔެ ހަވީރު މާލޭ ސޯސަލް ސެންޓަރު ކައިރީ ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޮލެޖްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކޭމްޕަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޒިޔާރަތްކޮށްފައެވެ.

Ad
rt

މި ކޭމްޕްގެ ކުރިއަށް ދިޔަ ސަރަހައްދަށް ވަޑައިގެން އެވިޑް ކޮލެޖްގެ ޗެއާމަން މުޝްތާޤް ވަނީ އެ ސަރަހައްދުގައި އެވަގުތު ތިބި ބިދޭސީންނާއި މުޚާތަބު ކުރަށްވާ ވާހަކަ ދައްކަވާފައެވެ. މުޝްތާޤް ވިދާޅުވީ، އެއީ އެވިޑް ކޮލެޖްގެ ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ގިނަ އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިވުން ކަމަށް ވިދާޅުވިއެވެ.

"އެންމެ ބޮޑު ބޭނުމަކަށް ވެގެން ދަނީ އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ އެކިކަންކަމުގައި ހޭލުންތެރިކޮށްދިނުމުގެގޮތުން ކުރެވެންހުރި ހުރިހާ މައްސައްކަތެއްގައި ތާއަބަދުމެ މަސައްކަތްކުރުން، އަޅުގަނޑުމެން އެންމެންނަކީ ތައުލީމް އުނގަންނައިދިނުމަށް މަސައްކަތްކުރާ ބަޔަކަށް ވީހިނދު، އެއާގުޅިގެން އަބަދުވެސް މަސައްކަތްކުރަން ބޭނުންވޭ އެއާ ގުޅުންހުރި، އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ވާޖިބެއް ޤައުމުގެ އެކިކަންކަމުގައި އަޅުގަނޑުމެން ބަސްބުނެ އެކިކަންކަމުގައި އަޅުގަނޑުމެންގެ އިޚްލާޞްތެރިކަންދައްކައި މުޖުތަމައުގެ އެކިކަންކަމުގައި ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން" މުޝްތާޤް ވިދާޅުވިއެވެ.

އެވިޑްގެ ޗެއާމަން ފާހަގަކުރެއްވި ގޮތުގައި އިއްޔެއަކީ، އިޖުތިމާއީ މަސައްކަތުގެ ތެރެއިން ހިލޭ ސާބަހަށް އެވިޑް ކޮލެޖުން ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވަރަށް ތާރީޚީ ދުވަހެކެވެ.

"އަޅުގަނޑުމެންގެ މި ދިވެހި ޤައުމުގައި އެކިއެކި ޤައުމުތަކުގެ ބޭރު ބޭފުޅުން ދިރިއުޅެމުން އެބަދޭ، މިހެންވާ ހިނދު އަޅުގަނޑުމެންގެ ވާޖިބެއްގެ ގޮތުގައި އެބަދެކެން އެބޭބޭފުޅުންނަށް އަޅުގަނޑުމެންގެ މުޖުތަމައުގައި ކުރަންބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ، އުޅެންޖެހޭ ސުލޫކީ މިންގަނޑަކީ ކޮބައިތޯ، ބޭރު ބޭބޭފުޅުންނަށް ނަސޭހަތްތެރިވެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވޭ،" މުޝްތާޤް ވިދާޅުވިއެވެ.

މުޝްތާޤް ވިދާޅުވީ، ބަންގްލަދޭޝްގެ ވަރަށް ގިނަ ރައްޔިތުން ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި މަސައްކަތްކުރަމުން ދާކަމަށާއި، އެ ރައްޔިތުން ދަނީ ދިވެހި ގައުމު ބިނާކޮށް، އުމުރާނީ ތަރައްގީތައް ގެނައުމުގައި މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޚާއްޞަގޮތެއްގައި އެ ރައްޔިތުން ދަނީ އެކި މައްސައްކަތުގެ މާހައުލުގައި ވަރަށް ބޮޑަށް އަވަދިނެތި މަސައްކަތްކުރަމުން ކަމަށް ފާޙަގަ ކުރެއްވިއެވެ.

"މިހެން މަސައްކަތްކުރަމުންދާއިރު އެބޭބޭފުޅުން ވެސް ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑުތަކެއް، އަދަބުތަކެއް އެބަހުރޭ، މި އަދަބުތައް ނަސޭހަތްތެވެ، އުޅެންވާނެ ގޮތް ބުނެދިނުމަކީ އެވިޑް ކޮލެޖްގެ ޒިންމާއެއްކަމަށް އެބަދެކެން، އެގޮތުން މިއަދަކީ މިދެންނެވި ކަންކަމަށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނޭ އެންމެ ރަނގަޅު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ބޭނުންވޭ،" މުޝްތާޤް ވިދާޅުވިއެވެ.

އެވިޑްގެ ޗެއާމަންގެ ވާހަކަކޮޅު ނިންމާލަށްވަމުން ވަނީ އެ ސަރަޙައްދުގައި އެވަގުތު ތިބި ބަންގްލަދޭޝްގެ ރައްޔިތުންނާއި މުޚާތަބުކުރަށްވައި، ބަންގްލަދޭޝް ބަހުން ވެސް އެވިޑްގެ މެސެޖް ފޯރުކޮށްދެއްވާފައެވެ.