ހއ. އިހަވަންދޫގައި މިފްކޯއިން ހިންގަމުން އަންނަ އައިސްޕްލާންޓް ހުއްޓުމުން އެރަށުގެ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެރަށުގެ މަސްވެރިން ބުނެފައިވާ ގޮތުގައި އައިސްޕްލާންޓް ހުއްޓުމަކަށް އައީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށުގެ އައިސްޕްލާންޓައް މައްސަލައެއް ދިމާވެ ހައްލުނުކުރެވި މިވަނީ މަސް ދުވަސް ވެގެން ގޮސްފަ އެވެ.
އެމައްސަލައަށް ހައްލެއް ހޯދާދިނުމަށް އެރަށުގެ "މަސްވެރި އިހަވަންދޫ" އިން ކަމާ ބެހޭ ފަރާތްތަކުގެ އަރިހުން ވަނީ އެދިފައެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގައި އެމައްސައަށް ހައްލެއް ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
"މަސްވެރި އިހަވަންދޫ" އިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެރަށުގެ އައިސްޕާންޓައަށް ދިމާވި މައްސަލައާއި ގުޅިގެން އެރަށުގެ މަސްވެރިން އައިސް އެޅުމަށް ދަނީ ހދ. މަކުނުދޫއަށް ކަމަށެވެ. އެއީ ހއ. ހޯރަފުށީ އައިސްޕްލާންޓްގެ ޚިދުމަތް އަދި ނުފަށާތީ ކަމަށް އިހަވަންދޫ މަސްވެރިން ބުނެއެވެ. ހޯރަފުށީ އައިސްޕްލާންޓް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ.
މިދިޔަ ޑިސެމްބަރ މަހު ވެސް އެރަށު އައިސްޕްލާންޓްއަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށާފައިވަނީ 2019 ވަނަ އަހަރު ފަހުކޮޅުގަ އެވެ.
ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު ސަރަހައްދަކީ މަސްވެރި ކަމަށް ލޯބިކުރާ މަސްވެރިކަމުން ނަފާހޯދަމުން އަންނަ ގިނަ އާއިލާތަކެއް ދިރިއުޅެމުން ދާ ސަރަހައްދެކެވެ. އިހަވަންދިއްޕޮޅުން މަސްވެރިކަމުގައި ބޮޑެތިކުރިއެރުންތައް ހޯދަމުން އަންނަ ހއ އިހަވަންދޫ އަކީ ރާއްޖޭގެ މުޅި އުތުރުންވެސް އެންމެ ގިނަ މަސްވެރި އުޅަނދު މަހައްފުރާ އެއްރަށޭ ބުނުމަކުން ދޮގަކަށްނުވާނެކަމީ ޔަގީންކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!