ހއ. އިހަވަންދޫ ކައުންސިލްގެ ލޯގޯ ހިލޭ ސާބަހަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ބަޔެއް ހިލޭ ސާބަހަށް ހޯދަނީ ބައެއް ފަރާތްތަކުން ހިލޭ އެ މަސައްކަތްކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

Ad
rt

އެގޮތުން އެފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯ ފަރުމާ ކޮށްދެއްވުމަށްފަހު އެއިދާރާގެ މެއިލް info@ihavandhoo.gov.mv އަށް ލޯގޯ ހުށަހެޅުއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިއިއުލާނުގައި ލޯގޯގައި ހިމަނަން ޖެހޭ ބައިތައްވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލޯގޯއިން ރަމްޒުކޮށް ދޭންވާނީ ހއ. އިހަވަންދޫގައި، ތާރީޚީ ނުވަތަ ޤަދީމީ ޒަމާނެއްގައި ބޭނުންކުރަމުންދިޔަ ނުވަތަ ބޭނުން ކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ތާރީޚީ ތަރިކައެއް ކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެކައުންސިލުން ވަނީ އެރަށުގެ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވެސް މީގެކުރިން ޢިއުލާން ކޮށްފައެވެ. އެ ޢިއުލާނަށް އިޖާބަދީ އެ މަސައްކަތް ކޮށްދެމުން ދަނީ އެރަށުގެ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯ އިންނެވެ. އޭ.އެސް.ޕީ ސްޓޫޑިއޯއިން މިހާރު ވަނީ އެ މަސައްކަތުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ 17 ޖެނުއަރީ 2021 ގައި ކައުންސިލާ ހަވާލު ވެސް ކޮށްފައެވެ.