ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ.

Ad
rt

އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މިމަހު 12 ވަނަ ދުވަހު ކޯސް ނިންމާ 13 ވަނަ ދުވަހުގެ ރޭ ވަނީ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.

24 ބައިވެރިންނާއި އެކު ފަށާފައިވާ މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޓޮޕްސީގެ ތަޖުރިބާކާރު 2 ފެހުންތެރިން ކަމަށްވާ ސިޔާމާ އަހްމަދު އަދި މަރިޔަމް ސަލްވާއެވެ.

ސެޓްފިކެޓް ދިނުމުގެ ހަފުލާ ކުރިއަށް ގެންގޮސްފައި ވަނީ ފުނަދޫ ސްކޫލްގައެވެ. އެހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލިކޮށްދެއްވީ ކައުންސިލްގެ މެމްބަރުންނެވެ.

މީގެ އިތުރުން މި ހަފްލާގައި ޓޮޕްސީގެ ފަރާތުން އަންހެނުންގެ ކޮމިޓީއަށް އަދި އަންހެނުންގެ ކޮމިޓީގެ ފަރާތުން ޓޮޕްސީއަށް ވަނީ ހަނދާނީ ފިލާ ބަދަލުކޮށްފައެވެ. އަދި ޓޮޕްސީއިން ވަނީ 2 ފަރާތަކަށް ފަހަށް ދަސްކޮށްދިނިމުގެ ޓްރެއިނަރ ކަން ވެސް ކިޔަވާދެއްވާފައެވެ.

އެ ކޮމިޓީއިން ފާހަގަ ކުރައްވާ ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ފަހަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދިނުމުގެ އިތުރުން އާމްދަނީ ހޯދާނެ މަގެއް އެރަށުގެ ކަނބަލުންނަށް ތަނަވަސްކޮށްދިނުމެވެ.

މި ހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާތީ އެކޮމިޓީއިން ވަނީ ޓޮޕްސީއަށާއި ކައުންސިލްގެ އިތުރުން އިޖްތިމާޢީ މަރުކަޒުގެ ސްޕަވައިޒަރ އަހުމަދު ފާއިޒުއަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

އެ ކޮމިޓީއިން ބުނެފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމަކީ ކޯސް ކުރިއަށް ގެންދިއުމަށް އެކަށޭނަ ހޯލެއް ނުލިބުމެވެ.