ހއ. އިހަވަންދޫ ގެ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ކައުންސިލުން، ކޯވިޑްގެ ސަބަބުން އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ ގޭތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ފޯރުކޮށްދީފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ 29 ގެއަށް މިއަދު ހަދިޔާ ދީފައިވާނެ ކަމަށެވެ.

Ad
rt

ހަދިޔާގެ ތެރޭގައި ސައިބޯނި، ހަނޑޫ ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކަށް ވެސް ސައިބޯނި ފުޅި އަދި ހުންބަލާ ކަށިގަނޑު ހަދިޔާ ކޮށްފައިވެއެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ ހެޔޮ އެދޭ ފަރާތުގެ އެހީތެރިކަމާއިއެކު މާދަމާ ރަށުގެ ހުރިހާ ގެތަކަށް ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެރަށުގެ ގެ ތަކުގެ އަދަދު 400 އަށް ވުރެ ގިނަވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑްގެ މި ނުރައްކާތެރި ވަގުތުގައި ރައްޔިތުންގެ ފަރާތުން ވެދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާ އެރަށު ކައުންސިލުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ހަދިޔާ ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތަށް ކައުންސިލްގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. އެފަރާތުން ނަން ހާމަ ނުކުރުމަށް އެދިފައިވާކަމަށް ކައުންސިލް ވަނީ ފާހަގަ ކޮށްފައެވެ.

ކޯވިޑަށް ޕޮޒިޓިވްވި މީހުންކުރެ މިވަގުތު އެރަށުގައި ބަލިން ރަނގަޅުނުވެ ތިބި މީހުންގެ އަދަދަކީ 24 އެވެ. ކޯވިޑްގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.