މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވަޢުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްޤީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުންތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމުގައި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އެކައުންސިލުން މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އާއި މިއަދު މެންދުރުފަހު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިތުރު ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްޞީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އާ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.