ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކަނޑިތީނު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީން އަބްދުލް ހަކީމާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ށ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިޔާމް އަދި ގޮއިދޫ ކައުންސިލުގެ ރައީސް އިންރާހިމް ޝާހިދެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާއިރު ފެނުގެ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިމަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 7.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި ހަތަރު ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
MP for Kanditheemu Constituency @shaheeym and Managing Director @hassanshaahu groundbreaking Sh. Goidhoo Water & Sewerage Project, being undertaken by #TeamMWSC #MWSCAsaasee pic.twitter.com/8af5iRtQ4o
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 4, 2021
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!