ހއ. ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާރަށު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ، ތެލުގެ ވިޔަފާރިކުރުމާއި، މަހުގެ ބާވަތްތައް އުފެއްދުމާއި، ވޯރކްޝޮޕް ހިންގުމާއި ގުދަން އަދި ވަޑާންގެ ހެދެމަށުމަށެވެ.

Ad
rt

އެހެންކަމުން އެ ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށްފަހު ބީލަން ހުށަހެޅުމަށް ބާރަށު ކައުންސިލުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އީމެއިލް މެދުވެރިކޮށް ވެސް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅޭގޮތް ހަމަޖައްސާފައިވާއިރު، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް ބާރަށު ކައުންސިލުން އެކަމަށް އާންމުކުރި ޢިއުލާންގައި ވިދާޅުވެފަވެއެވެ.

ބިމަށްއެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަތުރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވުމާއި، މީގެކުރިންވެސް މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ ގޮތުން އެއް އަހަރު ވެފައިވުމާއި، އަދި އެކަމާއިގުޅިގެން ޚަލާސްކުރަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެފައިސާއެއް ޚަލާސްކޮށްފައިވުން ހިމެނެއެވެ.

މި ބިންތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޑިސެމްބަރު މަހުގެ 5 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރީ ވާންޖެހެއެވެ. އަދި މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރި-ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ ހަމަ އެދުވަހުގެ 13:05 ގައެވެ.

ބީލަން ބަލައިގަތުމާއި ހުޅުވަން ނިންމާފައި ވަނީ ޑިސެމްބަރު 13 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ. އަދި މި މަރުހަލާތައް ކުރިއަށް ގެންދާނީ ބާރަށު ކައުންސިލް އިދާރާގައެވެ.