އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރި އިރު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވެސްޓްހޭމްގެ މައްޗަށް ކުރިހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގުންޑަގަންއެވެ. ދެވަނަ ލަނޑު 90 ވަނަ މިނެޓުގައި ގުންޑަގަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެނާންޑީނިއޯ ކާމިޔާބު ކޮށްދިންއިރު، ވެސްޓްހޭމްއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ މެނުއަލް ލަންޒިނީއެވެ.

Ad
rt

އާދީއްތަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

މި މެޗުގައި ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ހަޑްސަން-އޮޑޯއިއަށް ޔުނައިޓެޑްގެ އޭރިއާތެރޭ ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ދިފާއުކުރިއިރު، ޗެލްސީގެ ޑިފެންޑަރ ރޫޑިގާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފު ވެސް ޗެލްސީން ފެށީ ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ 50 ވަނަ މިނެޓުގައި ޗެލްސީގެ ޖޯޖީނިއޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލަނޑުޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދީފައި ވަނީ ސަންޗޯއެވެ. ޗެލްސީން މެޗުގައި ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖޯޖީނިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރެފްރީ މި ޕެނަލްޓީ ދީފައި ވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ވެން ބިކާސާ ޗެލްސީގެ ތިއާގޯ ސިލްވާއަށް ޔުނައިޓެޑްގެ އޭރިއާތެރެއިންކުރި ފައުލަކާއި ގުޅިގެންނވެ.

މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ޗެލްސީއަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ޗެލްސީ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާއިއެކުއެވެ. ޗެލްސީއަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެވަނާގައި އޮތީ 13 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ އަށްވަނާގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.