މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ތުހުމަތުވާތީ ދައުވާކޮށްދޭން ފޮނުވުމުން މަގާމުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްގެ ސަސްޕެންޝަން އުވައިލައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާއި ގުޅިގެން މިނިސްޓަރު މަޚްލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ފޮނުވުމުން، ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް، ހަމައެދުވަހު ރައީސް ޞާލިޙް ވަނީ، މަޚްލޫފް މަސައްކަތުން އެކަހެރިކޮށްފައެވެ.

Ad
rt

ސަސްޕެންޑުކުރިތާ ހަތަރު މަސް ފަހުން އޭނާގެ ސަސްޕެންޝަން އުވައިލައިފައިވަނީ މަހުލޫފްގެ މައްޗަށް މިހާތަނަށް ވެސް ދައުވާކޮށްފައިނުވާތީއެވެ.

މި މައްސަލާގައި މިނިސްޓަރު މަޚްލޫފް ކުރިން ވަނީ އޭސީސީން އަމަލު ކުރަމުންދާ ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ފާޑުވެސް ވިދާޅުވެފައެވެ. މިގޮތުން އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި ކަމަށް ހާމަކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު ބަޔާނެއް ނެރުނު ކަމަށާއި، ނަމަވެސް ޕީޖީއޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އޭސީސީ އޮތީ ހަނުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަހްލޫފަށް ދައުވާކޮށްދޭން ފޮނުވަމުން އޭސީސީން ޖޫން މަހުގެ 9 ވަނަ ދުވަހު ބުނީ، އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.

އޭސީސީއިން ވިދާޅުވީ، މި މައްސަލައިގެ ތަހްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގ.ހާފްސީ، އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭކަމަށެވެ.

އަޙްމަދު މަޚްލޫފް ގެ އެކައުންޓަށް ޖަމާކޮށްފައިވާ 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށް ވެސް އޭސީސީން ވަނީ އެ ދުވަހު ވިދާޅުވެފައެވެ.